ވޭޕް ފްލޭވާގެ ނަމުގައި އެތެރެކުރި ކެނަބިސް ޝިޕްމަންޓެއް ކަމަށް ތުހުމަތުކުރެވުނު ޝިޕްމަންޓުގައި ހުރި ތަކެތި މަސްތުވާތަކެއްޗަށް ނެގެޓިވް ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ މަހުގެ 15 ގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕް އޮއިލްގެ ގޮތުގައި އެތެރެކުރި ކެނަބިސް ކަމަށް ތުހުމަތުކުރެވޭ ޝިޕްމެންޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަތުލައިގެންފައިވާ ކަމަށެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ ޝިޕްމަންޓުގައި ހުރި ތަކެތި މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށް ހެދި ފޮރެންސިކް ލެބް ޓެސްޓުން ދައްކާފައިވަނީ ނެގެޓިވް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކުރަން ނިންމަވައިފައެވެ. އެކަމަށް މިހާރު ވަނީ ގާނޫނު ވެސް އިސްލާހުކޮށްފައެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ތަސްދީގުކުރެއްވުމާއެކު މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން ވަނީ މަނާވެފައެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން ވޭޕް ބޭނުންކުރުމާއި ވިއްކުން ވެސް މަނާވާނެއެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި، އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އެފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.
ސިިނގިރޭޓް ބުއިން މުޅިން މަނާކޮށްފައިވާ ތަނެއްގައި، ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޯށްދޭ ތަނެއް ނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތް މި ގާނޫނުގައި ބުނާ ޖޫރިމަނާ ކުރުމުގެ އިތުރުން، އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް ގާނޫނުގައިވެއެވެ.
އެގޮތުން ކުރާ ޖޫރިމަނާގެ މިންވަރު 1000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ހަމައަށް އަރާ ކަަމަށް ގާނޫނުގައިވެއެވެ.
ގާނޫނުގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކޮށްފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ގާނޫނުގައި، ދުންފަތުގެ ބާވަތެއް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުގެ ބަދަލުގައި 21 އަހަރަށް ވަނީ ބަދަލުކޮށްފައެވެ. ގާނޫނުގައިވާ ގޮތުން، އެ ނިންމުން ވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށައިފައެވެ.
ދުންފަތުން ދުރުހެލިވުމަށް "ސެޓޭޝަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކަކީ، ދުންފަތުގެ ބާވަތްތައް ކަމަށް ނުބެލުމަށްވެސް ގާނޫނުގައި މިހާރު ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު