ހުޅުމާލެ ހޮސްޕިޓަލްގެ އެމާޖެންސީ ޑިޕާޓްމަންޓް (އީއާރު) ބޮޑުކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މާލެ ގުރޫފް އޮފް ހޮސްޕިޓަލްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގު "ވަން" އަށް މިއަދު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ އީއާރު ޑިޕާޓްމަންޓް ބޮޑުކުރަން އާރުޑީސީއާ ހަވާލުކުރީ 4.9 މިލިއަން ރުފިޔާއަށް ކަމަށެވެ. އަދި ހަވާލުކުރީ މަސައްކަތް ފަށާތާ ދެމަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރުގެ އީއާރުގައި ހުރީ ހަތް އެނދެވެ. އެތަން ބޮޑު ކުރުމުން 14 އެނދު އިތުރުވެގެންދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އީރާއު ވަގުތީ ގޮތުން ބަދަލުކުރަން ނިންމާފައިވަނީ ހުޅުމާލެ ހޮސްޕިޓަލް ރަސްމީ ވަންނަ ދޮރާ ކައިރިންނެވެ. އެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވިއެވެ.

"މިމަސް ނިމުމުގެ ކުރިން މަސައްކަތް ފަށަން ބޭނުން. އޭގެތެރޭގައި ހިމެނޭނެ މުޅިތަން އެއާކޮންޑިޝަން ސިސްޓަމް ހަރުކުރުމާއި އިންޓީރިއާގެ ހުރިހާ މަސައްކަތަކާ. ބޮޑުވާ އިރު ހުރިހާ ފެސިލިޓީޒްތަކެއް ލާފައި، ރިސެސް ޔުނިޓާއި ހުރިހާ އެއްޗެއްލާފައި ހުންނާނީ،" ހަލީމް ވިދާޅުވިއެވެ.

އެތަން ބޮޑު ކުރަނީ، އެ ހޮސްޕިޓަލުގެ ކުރީގައި ޑެންޓަލް ހިނގި ބަޔާއި އީރާއާ އެއްކޮށްލައިގެންނެވެ. އެގޮތުން އެ ދެތަނުގެ މެދުގައި ހުރި ފާރު ތަޅާލައި އެއްކޮށްލުމުން، އާ އީއާރުގެ ޖާގަ ދެގުނަ ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންތަނަކަށް ބަދަލުކުރަނީކީ ނޫން. އެ އިންތަނުން އެތެރެއަށް ބޮޑުކުރަނީ މި ހޮސްޕިޓަލް ތެރެއަށް. ކުރީގެ ޑެންޓަލް ހިންގިތަން. މިހާރު ހުރި އީއާރުގެ ހޮސްޕިޓަލް ތެރެއަށް ހުރި ފާރު ނަގާފައި. ހުޅުމާލެ އަކީ އެމާޖެންސީ މިހާރުވެސް، ވަރަށް ބައިވަރު މީހުން ގެންނަ ތަނެއް. އެހެންވީމަ މަސައްކަތް ހިނގަމުންދާ ދުވަސްވަރު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެ އަންނަ ބަލިމީހުންނަށް އިންކޮންވީނިއަންސް ހުންނާނެ،" ހަލީމް ވިދާޅުވިއެވެ.

ހަލީމް އިތުރަށް ވިދާޅުވީ ވަގުތީ ގޮތުން އީއާރު ބަދަލުކުރާތަނުގެ ޖާގައިގެ ދަތިތައް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބިގެން މެނުވީ އެ މަސައްކަތް އަވަހަށް ފަށައި ނިންމައި ނުލެވޭނެ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.