ސްކޫލްތަކުގެ ދަރިވަރުން ކިޔެވުމަށް ބޭނުން ކުރުމަށްޓަކައި ސަރުކާރުން ސްކޫލުތަކަށް 71،000 ޓެބްލެޓް ހޯދުމަށްފަހު، ފައިސާ ނުދައްކާ ހިފަހައްޓައިފައިވާތީ އެ ފައިސާ މެކްސްކޮމް ޓެކްނޮލޮޖީސްއަށް ދެއްކުމަށް ސިވިލް ކޯޓުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް އިއްޔެ ހުކުމްކޮށްފިއެވެ.
މެކްސްކޮމް އިން، އެޑިއުކޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ދައުވާގައި ބުނެފައިވަނީ އެ ކުންފުންޏާއި، އެޑިއުކޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 71،000 ޓެބްލެޓް ސަޕްލައިކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަނުން ވަނީ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ކަންކަން އެ ކުންފުނިން ކޮށްފައިނުވާ ކަމަށްބުނެ 23،632،707.42 (23.6 މިލިއަން) ރުފިޔާ ނުދީ ހިފަހައްޓައިފައި ކަމަށެވެ. މެކްސްކޮމް އިން ބުނީ އެޑިއުކޭޝަނުން އެ ބުނާ ކަންކަން ނުކުރެވި ލަސްވީ މިނިސްޓްރީގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރުމުގެ ސަބަބުން ކަމަށެވެ. އެހެންވެ އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް އެޑިއުކޭޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދޭ ކަމަށް މެކްސްކޮމް އިން ބުންޏެވެ.
ދައުވާއަށް ޖަވާބުދާރީވަމުން އެޑިއުކޭޝަންގެ ފަރާތުން ބުނެފައިވަނީ އެ ފައިސާ ހިފަހައްޓައިފައިވަނީ އެއްބަސްވުމުގެ ދަށުން ކަމަށެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތައް މަސައްކަތް ނުނިންމައިފިނަމަ އެއްބަސްވުމުގެ ޖުމުލަ އަގުން 15 ޕަސަންޓު އުނިކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާނެ ކަމަށެވެ. މެކްސްކޮމްއަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ނިންމިފައިނުވަނީ އެޑިއުކޭޝަންގެ ސަބަބުން ނޫން ކަމަށެވެ.
އެއްބަސްވުމުގައިވާ ގޮތުން މެކްސްކޮމްއަށް މަސައްކަތް ހަވާލުކުރާތާ ހަތް ދުވަހުގެ ތެރޭގައި 15 ޕަސަންޓަށްވާ އެޑްވާންސް ފައިސާ ދޫކުރަންވާނެއެވެ. ނަމަވެސް އެ ފައިސާ އެޑިއުކޭޝަނުން ހަވާލުކޮށްފައިނުވާ ކަމަށް މެކްސްކޮމް އިން ބުންޏެވެ. އެއްބަސްވުމުގައިވާ ގޮތުން ޓެބްލެޓް ގަތުމަށް ހުވާއީ ކުންފުންޏަށް އޯޑަރު ދިނުުމުން 25 ޕަސަންޓް ފައިސާ، އެޑިއުކޭޝަނުން ދޭން ޖެހޭނެ ކަމަށާއި އެ ފައިސާ އެޑިއުކޭޝަނުން ދީފައިވަނީ އެއް މަސް ފަހުން ކަމަށެވެ. އެހެންވެ ހުވާއިން ވަނީ ޓެބްލެޓް ފޯރުކޮށްދިނުން ލަސްކޮށްފައި ކަމަށް މެކްސްކޮމް އިން ބުންޏެވެ.
ޓެބްލެޓްތަކުގެ ފުރަތަމަ ޝިޕްމެންޓް ލިބިފައިވަނީ 2018 ފެބްރުއަރީ 18 ގައި ކަމަށާއި އެއީ 30،000 ޓެބްލެޓު ކަމަށް މެކްސްކޮމްއިން ބުންޏެވެ. އެތަކެތި ޑެލިވަރީ ކުރަންވީ ތަންތަނުގެ ލިސްޓު ހޯދުމަށް އެޑިއުކޭޝަންގައި އެެދުމުން އެ މައުލޫމާތު ފޯރުކޮށްދިނީ ތިންމަސް ފަހުން ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ޓެބްލެޓް ގުދަންކުރަން ޖެހުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންތަކެއް ލިބުނު ކަމަށާއި ޓެބްލެޓުތައް ޑެލިވަރީކޮށް ނިމުނީ 2018 ގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް މެކްސްކޮމް އިން ބުންޏެވެ.
އެޑިއުކޭޝަންގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ޓެބްލެޓުތައް ފޯރުކޮށްދޭންޖެހެނީ 56 ދުވަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މެކްސްކޮމް އިން ޓެބްލެޓުތައް ފޯރުކޮށްދީފައިނުވާތީ ފައިސާ ދޫކޮށްފައިނުވާނެ ކަމަށެވެ. މެކޮސްކޮމް އެޑްވާންސްގެ ގޮތުގައި ދޭންޖެހުނު ފުރަތަމަ ޕޭމަންޓު ލަސްވީ އެ ކުންފުނިން އިންވޮއިސް ފޮނުވައިފައިނުވުމުން ކަމަށެވެ. ދެވަނަ ޕޭމަންޓު ކަމަށްވާ 25 ޕަސަންޓު އެޑްވާންސް ފައިސާ ދިނުމުގައި ލަސްތަކެއް ދިމާވެފައިނުވާނެ ކަމަށް އެޑިއުކޭޝަންގެ ފަރާތުން ބުންޏެވެ.
ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު އެ މައްސަލަ ބެއްލެވި ގާޒީ މަރިޔަމް ވަހީދާ މައްސަލައިގެ ރައުޔުގައި ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ކަންކަން ފުރިހަމަކުރަންޖެހެނީ 56 ދުވަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ހަގީގަތަށާއި ފަސްފަހަތަށް ބަލާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މުއްދަތަށް ލުއިދީފައިވާކަން ސާފުވާ ކަމަށެވެ. އެކަން އެނގެނީ މުއްދަތަށް ލުއި ދިންކަން އަންގައި އެޑިއުކޭޝަނުން، މެކްސްކޮމްއަށް ފޮނުވި ސިޓީން ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ޓެބްލެޓްތައް ޑެލިވަރީކުރުމަށް ފޮނުވި ލިސްޓު އެކި ފަހަރުމަތިން އެޑިއުކޭޝަނުން ބަދަލުކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި މެކްސްކޮމް އިން ސްކޫލުތަކަށް ޓެބްލެޓް ފޯރުކޮށްދިނުމުން އެޑިއުކޭޝަނުން ޓެބްލެޓް އެކްޓިވޭޓް ނުކޮށްގެން މެކްސްކޮމްގެ ޓެބްލެޓުގެ އެންމެފަހުގެ ޝިޕްމެންޓް ލަސްވެފައިވާ ކަމަށެވެ. ޓެބްލެޓް އެކްޓިވޭޓް ކުރުން ކަމަށް އެއްބަސްވުމުގައި މާނަކޮށްފައިވަނީ ޓެބްލެޓް ޑެލިވަރީވުމުން، އެޑިއުކޭޝަނުން ޓެބްލެޓުތަކުގެ ސުވިޗު އޮން ކުރުން ކަމަށާއި އެއީ އެއްބަސްވުމުގެ ދަށުން އެޑިއުކޭޝަންގެ ޒިންމާއެއް ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންކަމުން އެއްބަސްވުމާ އެއްގޮތަށް މެކްސްކޮމްއިން ޓެބްލެޓުތައް ޑެލިވަރީކޮށްފައިވާކަން ސާބިތުވާތީ އެޑިއުކޭޝަނުން ހިފަހައްޓައިފައިވާ 23.6 މިލިއަން ރުފިޔާ ދޫކުރަންޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ މި މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފުރަތަމަ އެޑްވާންސް ޕޭމަންޓުގެ ފައިސާ 23.6 މިލިއަން ރުފިޔާ، މެކްސްކޮމްއަށް ލިބިދިނުމުގެ ގޮތުން އެ ފައިސާ ސިވިލް ކޯޓަށް އަންނަ މަހުގެ އެކެއްގެ ކުރިން ދައްކައި ހަލާސްކުރުމަށް ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު