މި އަހަރު ސްޓެލްކޯއަށް 120 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ މިދިޔަ އަހަރު ސްޓެލްކޯ ހިންގާފައިވަނީ މާލީ ގޮތުން ގެއްލުމުގައި ކަމަށާއި ނަމަވެސް މި އަހަރު ކުންފުންޏަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށެވެ.
"2023 ވަނަ އަހަރަކީ އަޅުގަނޑުމެންނަށް 20 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު އަހަރެއް. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ 2024 ވަނަ އަހަރު ނިމިގެންދާނީ 120 މިލިއަން ރުފިޔާގެ ފައިދާއަކާއެއްކޮށް. އަޅުގަނޑުމެންގެ ނަތީޖާ ވަރަށްވެސް ރަނގަޅު. މަގާމާއި ހަވާލުވިއިރު ކުންފުނީގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރި. ކަސްޓަމަރުންގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި. އަދި މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރި،" ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސްޓެލްކޯއިން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރު ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ހުޅުވާލެ ދެވަނަ ފޭސްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ސްމާޓް މީޓަރު ހަރުކުރުމުން ކަރަންޓު ބިލު ބޮޑުވެގެން ކަސްޓަމަރުންގެ ފަރާތުން އަންނަ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި