ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ގެންނަން ނިންމާފައިވާ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނެސް އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ދަތުރުތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މޯލްޑިވިއަން އިން ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން އެހީތެރިވަނީ ސަރުކާރުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގެ ތެރެއިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހަމަޖައްސައިދިނުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

އެއާއެކު ޑިސެމްބަރު މަހުގެ ފަހުކޮޅު މޯލްޑިވިއަން އިން ވަނީ އެއާބަސް އޭ330-200ގެ މަތިންދާބޯޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފައެވެ. އެއީ 406 ސީޓު ހަރުކުރެވޭ، އަދި 7،250 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެ ބޯޓު ކުއްޔަށް ނަގަން ނިންމާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީގައި މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސް އުދުހެން ފަށާނެ ކަމަށެވެ.

"އެކަން ފުޅާކުރެވިގެން ގޮސް އަންނަ އަހަރުގެ ތެރޭގައި ޗައިނާއާއި ޔޫރަޕްގެ ޑެސްޓިނޭޝަންތަކަށް އަޅުގަނޑުމެންގެ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް ދަތުރުކުރާނެ،" ރައީސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކުގައި ކުރިން ބޭންކުރަމުން އައީ އެއާބަސް އޭ321 އަދި އެއާބަސް އޭ320 ގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލައިފައެވެ.