ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތައް ސިޔާސީ ފަރާތްތަކަށް ދޭން މާކްސް ބަދަލުކުރި ކަމަށާއި އައިޑީކާޑު އެކަނި ހުށަހަޅައިގެންވެސް ފުލެޓު ލިބުނު މީހުން ލިސްޓުގައި ހިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 4000 ފުލެޓުގެ ކަންތައް ބަލަން ޖެހޭވަރު ބޮޑު ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެ މައްސަލަ ބަލައި، ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ކޮމިޓީތަކުން މައްސަލަ ބެލިބެލުމުގައި ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އުސޫލާ ހިލާފަށް މިދިޔަ ސަރުކާރުގެ ގެދޮރުވެރިން ކޮމިޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް ފުލެޓު ލިބޭގޮތަށް މާކްސް ބަދަލުކޮށްފައި އެބަހުރި. އަދަދުތަކާ އެއްކޮށް އަޅުގަނޑުމެން ލިސްޓު ނެރޭ އިރުގައި، ކޮންމެ މީހެއްގެ ނަން ކައިރީގައި އޮންނާނެ ތަފްސީލު. ތަފްސީލާއެކު އަޅުގަނޑުމެން ނެރޭނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ނެރޭނީ ވަރަށް ދެފުށް ފެންނަ ލިސްޓެއް ކަމަށާއި ކޮންމެ މީހެއްގެ ތަފްސީލު، ހޮވުނު ގޮތް ވިޔަސް އަދި ނުހޮވުނު ގޮތް ވިޔަސް ލިސްޓުގައި އޮންނާނެ ކަމަށެވެ. އަދި އުސޫލާ ހިލާފަށް ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލީ ފަރާތްތަކާއި ނުފޫޒުގަދަ މީހުންގެ ބައެއް އާއިލާތަކުގެ އެއް އާއިލާއެއްގެ ގިނަ މެންބަރުންނަށް ފުލެޓުތައް ބަހާފައި އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ޕޯޓަލަށް ހުށަހެޅި ލިޔުންތަކުގެ އިތުރުން ބައެެއް ފަރާތްތަކުގެ ލިޔުންތައް ބަލައިގަނެ، ފުލެޓުތައް ދީފައި އެބަހުރި. މިއީ ކޮށްފައި ހުރި ކަންތައް. ފޯމު ވެސް ނުލައި، ހަމައެކަނި އައިޑީ ކާޑު ހުށަހަޅައިގެން ވެސް ފުލެޓު ދީފައި އެބަހުރި. އަދި އައިޑީ ކާޑުގެ އެއްފަޅި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މައްސަލައިގައި ކުރީ ސަރުކާރުގެ ބޭފުޅުން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ ކަމަށާއި އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ފުލެޓު ދިނުމަށްޓަކައި ޕޯޓަލްގެ ބެކް އެންޑުން މާކްސް ޝީޓު ބަދަލުކޮށްފައި ވެސް އެބަހުރި ކަމަށެވެ.
ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ހަފުތާގައި ނެރެ، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވީ ނަމަވެސް، ލިސްޓު ނެރުން ވަނީ އަނެއްކާވެސް ފަސްކޮށްފައެވެ. ހައުސިން މިނިސްޓްރީން ލިސްޓު ނެރުން އަނެއްކާވެސް ފަސްކޮށްފައިވަނީ އެ މަސައްކަތަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު