ފިޔަވަޅުތަކާއެކު 2026 ގައި ކްރެޑިޓް ކާޑު ލިމިޓު 1400 ޑޮލަރާ ހަމައަށް އިތުރުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރުމުން ދިވެހީންނަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.
"ކްރެޑިޓް ކާޑުގެ ލިމިޓު މިހާރު 700 ޑޮލަރު. އަޅުގަނޑުމެން ގަސްދުކޮށްފައި މިއޮތީ ޖެނުއަރީން ފެށިގެން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭ ހިސާބަށް ދާ އިރަށް ސަސްޓެއިން ކުރެވޭ ގޮތަށް ޑޮލަރު މާރުކުރާ ކަމަށްވަންޏާ 1400 ޑޮލަރާ ހަމައަށް ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ޖެހެނީ ނުގަވާއިދުން އެކަން ކުރަން ޑޮލަރު މާރުކުރަން ކަމަށާއި ޕެރަލަލް މާކެޓުގައި، ނޫނީ ބްލެކް މާކެޓުން އަގުބޮޑުކޮށް ޑޮލަރު ހޯދަން ޖެހުނީމަ ރޭޓް މައްޗަށް ދާ ކަމަށެވެ. އަދި އާ ގަވާއިދާއެކު ސަރުކާރު ހިއްސާ ކުންފުނިތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އެސްއޯއީތަކުން، ނޫނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު އިރާދަކުރެއްވިއްޔާ ޖެނުއަރީ އެކަކުން ފެށިގެން މި ތަންފީޒުކުރަން ފަށާ ހިސާބުން، ޓޫރިޒަމް އިންޑަސްޓްރީން އެ ގަވާއިދާ އެއްގޮތަށް ބޭންކުތަކަށް މާރުކުރާ ކަމުގައިވާ ނަމަ، އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެން ޕެރަލަލް މާކެޓުގައި މާރުކުރަން ނުޖެހި ސީދާ ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ބޭންކް ރޭޓުގައި ގަންނަން ލިބެނީ 500 ޑޮލަރު ކަމަށާއި ޑޮލަރު މާރުކުރުމުގެ ކަންތައް ޓޫރިޒަމް އިންޑަސްޓްރީގެ އެއްބާރުލުމާއެކު ކުރިއަށްދާ ކަމަށްވަންޏާ 2026 ގެ ފުރަތަމަ ކުއާޓަރުގެ ތެރެއަށް ދާ އިިރުގައި، 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރު ގަތުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު