ކުރީ ސަރުކާރުން އިގުތިސާދު މެނޭޖުނުކޮށް، ގައުމު ބަނގުރޫޓުކޮށްލީ ރާވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިގުތިސާދު މެނޭޖު ނުކުރެވިގެން ރާއްޖެ ބަނގުރޫޓުވާ ހިސާބުގައި އޮތް ކަމަށްބުނެ، އައިއެމްއެފުން ރިޕޯޓެއް ނެރުނީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ހަ ދުވަސް ކުރިން ކަމަށާއި އޭރު އޮތީ އެމްޑީޕީގެ ސަރުކާރު ކަމަށެވެ.
"އެހެންވީމާ ގައުމު ބަނގުރޫޓުކޮށްލަން ރާވާފައި، އިގުތިސާދު މެނޭޖުނުކޮށް، ކުރަން ނޭނގި ފަސް އަހަރު ދުވަހުގެ ތެރޭގައި، އަދި އެ އަހަރުގެ ސަޕްލިމަންޓަރީ ބަޖެޓެއް ވެސް އޭރުގައި އޮތް ބަޖެޓު ހުސްކޮށް އިތުރަށް ހަރަދުކޮށްފައި ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނުހޯދައި ބަޖެޓު ފާސްނުކޮށް ހަރަދުކޮށްފައި ލީގަލައިޒް ކުރަން ވެގެން ވެއްދި ޑޮކިއުމަންޓެއް. މިގޮތަށް ނޫންތޯ އިގުތިސާދު މެނޭޖުކުރީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭރު ގައުމު އޮތީ 120 ބިލިއަން ރުފިޔާއަށްވުރެ ގިނަ ދަރަނި އޮތް ހާލަތެއްގައި ކަމަށާއި ހަލާކުކޮށްލާފައި، ބަނގުރޫޓުކޮށްލާ ދިމާލަށް ގެންގޮސްފައި އޮތް އިގުތިސާދަކުން އަރައިގަތުމަށް ދިވެހީންގެ ރާއްޖެއަށް ރައްޔިތުން ދާން ނިންމި ކަމަށެވެ. އަދި މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް ދާއިރުގައި، ބަންގުރޫޓުވާނެ، ސޮވްރިން ޑިފޯލްޓް އިއުލާންކުރަން ޖެހިދާނެ ކަމަށް އޭރު މާލީ އިދާރާތަކުން އަންދާޒާކުރަމުން އައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެ ހާލަތުގައި އޮތް ގައުމަކާ އަޅުގަނޑުމެން ހަވާލުވީ. އެހެން އެމީހުން ބުނަމުންދިޔަ ބައިވަރު ސަބަބުތަކެއް ހުރި. އެއީ ފަސް އަހަރުގެ ތެރޭގައި 22.7 ބިލިއަން ރުފިޔާ ހަރަދުކޮށް، އޭގެ އިތުރަށް 50.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި. 8 ބިލިއަން ޗާޕުކޮށް އަދި އޭގެ އިތުރަށް ދަރަނީގެ އިންޓަރެސްޓް އަހަރަކު 1.4 ބިލިއަން ރުފިޔާ އަރުވަމުންދިޔައީ. އެހެންވީމާ މިއީ އަޅުގަނޑުމެންނާ ހަމައަށް އައި ހާލަތަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އޭރު އޮތީ ދައުލަތަށް ލިބޭ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ލޯނު އަނބުރާ ދައްކަން ހޭދަކުރަން ޖެހޭ ހާލަތުގައި ކަމަށާއި އޭގެ ތެރެއިން ވެސް 16 ރުފިޔާ ހަރަދުކުރަން ޖެހެނީ ދަރަނީގެ އިންޓަރެސްޓް ދައްކަން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު