އުއްތަމަ ފަނޑިޔާރު، އިސް ފަނޑިޔާރުން، އިސް ގާޒީން އަދި އިސް މެޖިސްޓްރޭޓުން ހަފުތާ ބަންދުގައި ރަށުން ބޭރަށްދާނަމަ އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އަންގަން ޖެހޭ ގޮތަށް ހަދައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެ ފަނޑިޔާރަކު ވެސް އޭނާގެ ހުރިހާ ވަގުތެއް ހާއްސަކުރަންވާނެ ކަމަށް ގާނޫނުއަސާސީއާއި ފަނޑިޔާރުންގެ ގާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
ހަފުތާ ބަންދު ދުވަސްތަކުގައި ނުވަތަ ރަސްމީ ބަންދު ދުވަސްތަކުގައި އުއްތަމަ ފަނޑިޔާރު، އިސް ފަނޑިޔާރުން، އިސް ގާޒީން އަދި އިސް މެޖިސްޓްރޭޓުން ރަށުން ބޭރަށްދާނަމަ އަމަލުކުރަންވީ ގޮތްތަކެއް ޖޭއެސްސީން ވަނީ ކަނޑައަޅައިފައެވެ.
- އުއްތަމަފަނޑިޔާރާއި، ހައިކޯޓުގެ އިސްފަނޑިޔާރާއި، ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގެވުން
- އުއްތަމަ ފަނޑިޔާރު ފިޔަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އުއްތަމަ ފަނޑިޔާރަށް އެންގެވުން
- ހައިކޯޓުގެ އިސްފަނޑިޔާރު ފިޔަވައި އެކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން ހައިކޯޓުގެ އިސްފަނޑިޔާރަށް އެންގެވުން
- ސުޕީރިއާ ކޯޓުތަކުގެ ގާޒީން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އެކޯޓެއްގެ އިސްގާޒީއަށް އެންގެވުން
- ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުން ގާއިމުވެ ތިއްބަވާ ރަށުން، ބޭރަށް ވަޑައިގަންނަވާނަމަ އެކަން އެޖުޑީޝަލް ދާއިރާއެއްގެ އިސްމެޖިސްޓްރޭޓަށް އެންގެވުން
ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމާއި ފަނޑިޔާރުން މަގާމުން ވަކިކުރުމާއި ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހަޅާ ސްކޫލީ މައްސަލަތައް ބެލުމުގެ އިހުތިސޯސް ލިބިގެންވަނީ ޖޭއެސްސީއަށެވެ. ފަނޑިޔާރުންގެ ގާބިލުކަން ވަޒަންކުރުމާއި ފަނޑިޔާރުން ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ޒިންމާ އަދި ކޯޓުތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ނަޒާހާތްތެރިކަން ނެގެހެއްޓުމަކީ ވެސް ޖޭއެސްސީގެ ޒިންމާއެކެވެ.
ކޯޓުތަކުގެ ނަތީޖާ ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކަށައެޅުމާއި ފެންވަރު ރަނގަޅު، ރޭވުންތެރި ހިދުމަތެއް ފޯރުކޮށްދީ، ގާނޫނުގެ ބާރު ކުރިއެރުވުމަކީ ވެސް ޖޭއެސްސީގެ މަސްއޫލިއްޔަތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު