ހަތަރު ވެރިންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ފަސޭހައީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު މަސައްކަތްކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ، "ޕީއެސްއެމް"އަށް ދެއްވި އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ވަރަށް ކުރީއްސުރެ ފަށައިގެން ސިޔާސީ މަސައްކަތް ކުރައްވައިފައިވާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށް ޔާމީން ނިންމެވި ހިސާބުން ޔާމީންއާއެކު ސިޔާސީ މަސައްކަތް އިތުރަށް ކޮށްފައިނުވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ މަޖިލިސް މެންބަރަކަށް ކަމަށާއި ޔާމީން މެންބަރުންނާ މެދު ކަންތައް ކުރެއްވި ގޮތް އެނގޭނެ ގިނަ ބަޔަކު ތިބޭނެ ކަމަށެވެ. ޔާމީނާ އަޅައިބަލާއިރު މުއިއްޒާއެކު މަސައްކަތް ކުރައްވަން ފަސޭހަ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެއީ ވަރަށް ފަސޭހައިން ގުޅޭ، މަޝްވަރާ ލިބޭ. އޭގެ ބަދަލުގަ ރައީސް ޔާމީން ފާހަގަކުރެވުނީ އެހާ ފަސޭހައިން ގުޅޭ ބޭފުޅެއްގަ ގޮތުގައެއް ނޫން. އަދި އޭގެ އިތުރުން ރައީސް ޔާމީން ފާހަގަކުރެވުނީ، ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ. އެއަށްވުރެ ރަނގަޅު އެހެން ގޮތެއް އެހެން ބޭފުޅަކަށް ވިސްނިވަޑައިގެންފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވުނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޔާމީނަކީ މަޝްވަރާކުރެއްވުން މަދު ބޭފުޅެއް ކަމަށާއި ނަމަވެސް ރައީސް މުއިއްޒަކީ އަބަދުވެސް ކަންކަމަށް މަޝްވަރާގެ މަގު ހިޔާރު ކުރައްވާ ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޕާޓީ ނިޒާމަކުން ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީ މުޅިން އެއްކައިރި ކުރުމަށްފަހު ވެރިކަން ކުރެއްވި ބޭފުޅަކަށް ހަމައެކަނި ވާނީ ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ރައީސް މުއިއްޒު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތައް، ޕާޓީގެ ސިޔާސަތުތަކާ ފުށު ނާރާނެހެން ކަންކަން ރާވައިގެން ކުރައްވަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރެވެނީ ޓީމް ލީޑަރެއްގެ ގޮތުގަ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްއާއެކު ސަރުކާރާއެކު އެހާގާތުން ނޫން ކަމަށެވެ. ޕީޕީއެމްއަށް ފުރަތަމަ ފަހަރަށް ވެރިކަން ލިބިވަޑައިގަތުމާ ގުޅިގެން މައުމޫންއާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވައިފައިވާނެ ކަމަށާއި މައުމޫން ފާހަގަކުރެވުނީ ވަރަށް ބޮޑަށް އުސޫލުގައި ހިފަހައްޓާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވެރިކަން ލިބިވަޑައިގެންނެވީ ވަރަށް ކުރު މުއްދަތަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު