އެމަނިކުފާނުގެ ވެރިކަން ބަދަލުވީއިރު، ނެޓް ރިޒާވްގެ ގޮތުގައި، ނަންގަވައިގެން ބޭނުންކުރެއްވުމަށް ބިލިޔަނެއްހާ ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއްކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ޔާމީނަށް ރައްދު ދެއްވައިފިއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މީގެ ކުރިން ވާހަކަ ދައްކަވަމުން، 2018 ގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ ރައީސް ސޯލިހު ވެެރިކަމަށް ވަޑައިގެންނެވިއިރު، އެއްވެސް މަސައްކަތެއް ނުކުރައްވައި ނަންގަވައިގެން ހަރަދު ކުރެއްވުމަށް ބިލިޔަނެއްހާ ޑޮަލަރު ދައުލަތުގައި ހުންނާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެކަމާބެހޭގޮތުން ރާއްޖެ ޓީވީގެ ފަށާއިރުގެ މިއަދުގެ ޕްރޮގްރާމްގައި ރައީސް ސޯލިހަށް ސުވާލު ދެންނެވުމުން، އެ މަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
"ހެޔޮ ނުވާނެ ރާއްޖޭގެ ވެރިކަން ކުރައްވާފަ ހުންނެވި ބޭފުޅަކު އެކަހަލަ އިތުރުފުޅު ހައްދަވާކަށެއް، އެމްއެމްއޭއިން އަދިވެސް ފެންނަން ހުންނާނެ ދައުލަތުގެ ރިޒާވްގައި އޭރު ހުރި ކިހާ ވަރެއްތޯ ބައްލަވާ!، އޭގަ ހުރީ 572 މިލިއަން ޑޮލަރު ޖުމުލަ އަދަދަކީ، ޔޫޒަބަލް ރިޒާގަ ހުރީ 160 މިލިޔަން ޑޮލަރު މިއީ އަޅުގަނޑު މިތާ އިނދެގެން ބުނާ ވާހަކައެއް ނޫން، އެމްއެމްއޭގަ ފެންނަން އެހުރީ، ވެބްސައިޓަށް ވަދެ ތިބޭފުޅުން ބައްލަވާ!" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެއީ ގާތްގަނޑަކަށް ދެމަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރުގެ ފައިސާ ކަމަށެވެ. ދެން ހުރީ ބޭންކުތަކުން ބަހައްޓާފައި ހުރި ފައިސާ ކަމަށާއި، އެއީ އަތްލެވޭނެ އެއްޗެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވިއިރު، އެސްޑީއެފްގައި ހުރީ 1.9 ބިލިޔަން ރުފިޔާ ކަމަށާއި، ވެރިކަން ބަދަލުވީއިރު އެސްޑީއެފްގެ މުޅި ސައިޒް 7.7 ބިލިޔަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު