ފިހާރައަކުން ގަތް ތަކެއްޗަށް ފައިސާ ދެއްކުމުގެ ބަދަލުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފޭކު ސްލިޕެއް ފޮނުވި މީހަކު 11،600 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މި މައްސަލައަކީ ހދ. ވައިކަރަދޫޫ، މިލާފަރު، އަލީ ރަޝީދު، 23 ޖޫން 2021 ވަނަ ދުވަހު ހިޓްޒްމާޓް ފިހާރައިން ފަސް ރެޑްބުލް ދަޅާއި، ކެމެލް ހާޑް ތިން ސިނގިރޭޓް ފޮށި ނެގުމަށްފަހު އެތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން ބީއެމްއެލްގެ ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައެކެވެ. އަލީ ރަޝީދުގެ އެ އަމަލަކީ "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު"ގެ ދަށުން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އަމަލަށްވާތީ ދައުލަތުން ވަނީ ދައުވާކޮށްފައެވެ.
ދައުލަތުންކުރި އެ ދައުވާއަށް އަލީ ރަޝީދު ވަނީ އިންކާރުކޮށްފައެވެ. އެހެންވެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅައިފައެވެ. ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ބީއެމްއެލްގެ ލީގަލް ރިފަރެންސް ތައްޔާރުކުރި އައިޝަތު ސަމާހު ބުނީ، އޭނާއަކީ ބީއެމްއެލްގެ ލީގަލް އެންޑް ކޯޕަރޭޓިން އެފެއާޒް ޑިޕާޓްމެންޓުގެ ޑައިރެކްޓާގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށާއި ޓްރާންސްފާ ރިސީޕްގައި ހިމެނޭ ރެފަރެންސް ނަންބަރަކީ ޔުނިކްކޮށް ސިސްޓަމުން ޖެނެރޭޓްކުރާ 16 އަކުރު ހިމެނޭ ނަންބަރެއް ކަމަށެވެ.
ނަމަވެސް މި ސްލިޕްގައި (އަލީ ރަޝީދު ފޮނުވި ސްލިޕް" ގައި 17 އަކުރު އެބަހުރި ކަމަށް އައިޝަތު ބުންޏެވެ. ސްލިޕްގައި ހުރި އެކައުންޓަށް 23 ޖޫން 2021 ގެ 8:16 ގައި ޓްރާންސްފާކުރިކަމަށް އޮތްނަމަވެސް އެ އެކައުންޓުގެ ސްޓޭޓްމެންޓް ބެލިއިރު އެ ދުވަހު އެއަދަދަށް ފައިސާ އެ އެކައުންޓަށް ވަދެފައިނުވާތީ އެކަން ޓެކްނިކަލް ޓީމުން ބެލުމަށްފަހު ނިންމީ އަލީ ރަޝީދު ފޮނުވީ ފޭކް ސްލިޕެއް ކަމަށެވެ.
މި މައްސަލަ ރިޕޯޓަށް ފިހާރައަށް އެޓެންޑުވި ޕޮލިސް ސާޖެންޓް ސިރާޖު އަބްދުﷲ ހެކިކިބަސް ދެމުން ބުނީ އެ ސްލިޕްކޮޅާ ގުޅިގެ އަލީ ރަޝީދުއާ ސުވާލުކުރުމުން، އޭނާ ފިހާރައަށް ދިޔައީ ރައްޓެއްސަކު ބުނެގެން މުދާ ބަލައިކަމަށް ބުނެފައިވާ ކަމަށެވެ. އެ ސްލިޕްއަކީ އަލީ ރަޝީދު ފޮނުވި ސްލިޕްކޮޅެއް ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށް ފުލުހުންގެ އޮފިސަރު ބުންޏެވެ.
ފިހާރައިގެ ކޭޝިއަރު ހެކިބަސް ދެމުން ބުނީ އަލީ ރަޝީދު ފިހާރައިން ނެގި ތަކެއްޗަށް ފައިސާ މި ފޮނުވަނީ ކަމަށްބުނެ މިނިޓެއްގެ ތެރެއިގައި ޓްރާންސްފާ ސްލިޕެއް ފޮނުވި ކަމަށެވެ. ނަމަވެސް އެއީ ފޭކް ސްލިޕެއް ކަމަށް ބެލެވޭތީ ފިހާރައިގެ ވެރިމީހާއަށް ގުޅައި އެހުމުން 500 ރުފިޔާ ޖަމާވެފައި ނުވާ ކަމަށް ބުނި ކަމަށެވެ. އެކަމާ ގުޅިހެން ސުވާލުކުރުމުން އަލީ ރަޝީދު ބުނީ އޭނާ ފިހާރައަށް ދިޔައީ އެހެން މީހަކު ގަތް ތަކެތި ބަލައިކަމަށް ކޭޝިއަރު ބުންޏެވެ.
ހެކީންގެ ހެކިބަހަށް ރިއާޔަތްކޮށް މި މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް، ރައުޔުގައި ވިދާޅުވީ އަލީ ރަޝީދު ވަނީ ސްލިޕް ޓްރާންސްފާ ކުރުމުގެ ގޮތުން ފިހާރައިގެ ނަންބަރު އަދި އެކައުންޓު ނަންބަރު ހޯދައިފައި ކަމަށެވެ. ފަސް ރެޑްބުލާއި ފަސް ސިނގިރޭޓް ފޮށްޓާއެކު އަލީ ރަޝީދު ފުލުހުންގެ ބެލުމުގެ ގެންދިޔަކަން ސާފުވާ ކަމަށާއި އަލީ ރަޝީދު، ފިހާރައަށް ފޮނުވި ސްލިޕަކީ ފޭކު ސްލިޕެއްކަމަށް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ފިހާރައަށް ދިޔައީ ރަށްޓެއްސަކު ބުނެގެން ކަމަށް އަލީ ރަޝީދު ބުންޏަސް އެއީ ކާކުކަން އަލީ ރަޝީދަށް ބުނެދެވިފައި ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ ގާޒީ ވިދާޅުވީ އަލީ ރަޝީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. މި މައްސަލައާ ގުޅިގެން އަލީ ރަޝީދު ބަންދުގައި 14 ދުވަހު ހުރެފައިވާތީ، އޭނާ ތަންފީޒުކުރަން ޖެހޭ ޖަލު އަދަބަކީ އެއް މަހާއި 28 ދުވަސް ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އަލީ ރަޝީދުގެ ފަރާތުން އެދިފައިވާ ކަމަށާއި ސަބަބެއް ކަމަށް ބުނެފައިވަނީ މިހާރު ކައިވެނިކޮށްގެން، ދަރިއަކު ލިބި ރަނގަޅު ވަޒީފާއެއްގައި އުޅެމުންދާތީ ކަމަށެވެ.
މިއީ ޖިނާއީ ބޮޑު މައްސަލައަކަށް ނުވުމުންނާއި ދައުވާލިބޭ ފަރާތް ކުށުގެ ވެށިން ދުރުވުމަށް ބާރު އެޅެން ހުރީ ޖަލު އަދަބަށްވުރެ މަދަނީ އަދަބެއް ދީގެން ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ ގާޒީ ހުކުމްކުރެއްވީ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން އަލީ ރަޝީދު ތަންފީޒުކުރަން ޖެހޭ ޖަލު ހުކުމް 11،600 ރުފިޔާއަށް ބަދަލުކޮށް އެ ފައިސާ އެއް މަސް ދުވަހުގެ ތެރެއިގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު