އިސްތަށި ފޭބުމަކީ، ހާއްސަކޮށް ޅަ ނުވަތަ ޒުވާން އުމުރުގައި، ކުރިމަތިލާން އުނދަގޫ ކަމަކަށް ވެދާނެއެވެ. ހާއްސަކޮށް 30ގެ އަހަރުތަކުގައި، އިސްތަށި ފައިބާ ނަމަ އެ ކަމުގައި ގިނަ ސަބަބުތަކެއް ހުރެދާނެއެވެ. މިއީ ވަޒީފާ ބަދަލުކުރުމާއި، ދިރިއުޅުމުގެ ވިސްނުންތަކާއި މަސައްކަތުގެ ނުތަނަވަސްކަން އިތުރުވާ ދުވަސްވަރެކެވެ. މިކަންކަމަކީ އިސްތަށި ތުނިވުމަށް މަގުފަހިކުރުވާ ކަންކަމެވެ.

އިންޑިއާގެ މަޝްހޫރު، ޑަމަޓޮލޮޖިސްޓް ޑރ. އަސީމް ޝަރްމާއާ މީޑިއާއިން ކުރި އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި، 30 ގެ އަހަރު ތަކުގައި ބޮލުން އިސްތަށި ފޭބުމަކީ ހައިރާންވާން ޖެހޭ ކަމަކަށް ވެދާނެއެވެ. އެކަމަކު އެއީ އާންމު ކަމެކެވެ. ނުތަނަވަސްކަމާއި، ވާރުތަވުމާއި، ހޯމޯން ބަދަލުވުމާއި ދިރިއުޅުމުގެ އާދަތަކަކީ މި އުމުރުގައި އިސްތަށި ތުނިވުން އަވަސްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

"30ގެ އުމުރުގައި، ވަޒީފާއާއި އާއިލާއާއި އަދި އަމިއްލަ ކުރިއެރުން ހޯދުމުގެ ކަންކަން އެއްފަހަރާ ބެލެހެއްޓުމުގެ ގިން ޒިންމާތަކެއް ފަށާން ޖެހެއެވެ. މިކަމުގެ ސަބަބުން ނުތަނަވަސްކަން އިތުރުވެ، އިސްތަށީގެ މައްސަލަތަކަށް މަގުފަހިވެއެވެ. އުމުރާއެކު ގުދުރަތީގޮތުން އަންނަ ހޯމޯން ބަދަލުތަކާ އެކުވުމުން، ގިނަ މީހުންނަށް އަސްލު ވަގުތުގެ ކުރީން އިސްތަށި ތުނިވުމާއި ނުވަތަ އެލޮޕީޝިއާ (އިސްތަށިގަނޑުން ތަންތަންގަނޑު ނެއްޓުން) ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ،" ޑރ. އަސީމް ޝަރްމާ އިތުރަށް ވިދާޅުވިއެވެ.

އިސްތަށި ތުނިވުމުގެ އަލާމާތްތައް ފެންނަން ފެށުމާއެކު، އެންމެ އަވަހަށް އެކަމާ ކުރިމަތިލުމަކީ މުހިންމު ކަމެކެވެ. ޑރ. އަސީމް ޝަރްމާ ވިދާޅުވި ގޮތުގައި އެކަމާ ކުރިމަތިލުމަށް އެހީތެރިވެދޭނެ ފަރުވާގެ އޮޕްޝަންތަކަކީ، "ކިއުއާރު678، އޮޓޮލޮގަސް ގްރޯތް ފެކްޓަރސް، ސިންތެޓިކް ޕެޕްޓައިޑްސް، ހެއާ ބޫސްޓާސް އަދި އެކްސޯސޯމްސް ފަދަ ނޮން-އިންވޭސިވް ފަރުވާތަކުން އިސްތަށީގެ ދުޅަހެޔޮކަން އަލުން ގެނެސްދީ، ގުދުރަތީ ގޮތުން އަލުން އިސްތަށި ފެޅުމަށް އެހީތެރިވެދީގެންނެވެ. ރަނގަޅު ފަރުވާތަކާއެކު ކުރިއާލައި ފިޔަވަޅު އެޅުމުން އުމުރު މައްޗަށް ދާއިރު ދުޅަހެޔޮ އިސްތަނޑިގަނޑެއް އޮތުމަށް އެހީތެރިވެދޭނެ އެވެ."

މި އުމުރުގައި އިސްތަށި ފޭބުމާ ކުރިމަތިލުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިމެނެނީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ޖުމުލަ ގޮތެއްގައި ވިސްނައި، ސަމާލުކަން ދިނުމެވެ.

"އެންމެ މުހިންމު އެއް ފިޔަވަޅަކީ މި މައްސަލަތަކުގެ އަސްލު ސަބަބުތަކާ ވީހާވެސް އަވަހަކަށް ކުރިމަތިލުމެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކުން ބޮޑު ތަފާތެއް ގެނެސްދޭނެއެވެ. ޑަމަޓޮލޮޖިސްޓަކާ ގަވާއިދުން ބައްދަލުކުރުމާއި، ހަމަޖެހުމުގެ އާދަތަކުގެ ތެރެއިން ނުތަނަވަސްކަން ކޮންޓްރޯލްކުރުމާއި، އަދި އަޔަން، ޒިންކް އަދި ވިޓަމިންތަކުން މުއްސަނދި ހަމަހަމަ ކާނާއަށް އަހަންމިއްޔަތުކަން ދިނުމުން އިސްތަށި އެތެރެއިން ވަރުގަދަކޮށްދޭނެއެވެ،" ޑރ. އަސީމް ވިދާޅުވި އެވެ.