ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް ހަދަން ޗައިނާގެ ކުންފުންޏަކާއެކު މިއަދު ހަވާލުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މަޝްރޫއު ހަވާލުކުރި ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު ޕެން ގުއާންޝޫއެވެ.

މި ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ކައުންސިލާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޓެކްނިކަލް މަސައްކަތްކުރުމަށްފަހު ހައުސިން ޔުނިޓްތަކުގެ ޑިޒައިން އާއި ޑީޓެއިލް ޕްރޮޕޯސަލް ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން އޭދާފުށިގައި 1000 ހައުސިން ޔުނިޓް ހަދާނީ 15 ބުރީގެ 12 ޓަވަރުގައި ކަމަށާއި އެ ޓަވަރުގައި ހުންނާނީ ދެ ކޮޓަރީގެ 772 ފްލެޓާއި ތިން ކޮޓަރީގެ 336 ފްލެޓް ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހައުސިން ޓަވަރުތަކެއް އެޅުމަށް ނިންމީ އޭދަފުއްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރަކަށްވެފައި އެ ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ބިން އިތުރުރުކުރެވެން ނެތުމާއެކު ވާޓިކަލް ޑިވެލޮޕްމަންޓަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އަންނަ އަހަރު ފައިސާ ހަމަޖެހި، އޭދަފުށީގެ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭ ވަރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.