އެފްރިކާގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ މިދިޔަ 10 މުބާރާތުގައިވެސް ކުޅެފައިވާ ގާނާ، އަންނަ އަހަރުގެ މުބާރާތަށް ކޮލިފައި ނުވާނެކަން ޔަގީންވެއްޖެއެވެ.

އެފްކޯން ކޮލިފިކޭޝަން ގްރޫޕް އެފްގައި ގާނާއިން ރޭ ކުޅުނު މެޗުގައި 1-1 އިން އެންގޯލާއާ އެއްވަރުވުމާއެކު އެޓީމަށް ނިންމާލަން ޖެހުނީ ގްރޫޕްގެ ފުލުގައި އޮވެގެންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ގާނާއަށް އަންނަ އަހަރުގެ އެފްކޯންއަށް ކޮލިފައި ވެވެން އޮތީ އެ ގްރޫޕްގެ އެއްވަނައިގައި އޮތް އެންގޯލާ ބަލިކޮށްގެންނެވެ.

އެކަން ހާސިލު ނުވެ، ގާނާއިން ގްރޫޕް ފުލުގައި އޮވެ ނިންމާލީ ފަސް މެޗުން ތިން ޕޮއިންޓާއެކު، މޮޅެއް ނުހޯދިއެވެ. އެއީ ގާނާގެ ތާރީހުގައިވެސް ދަށް ނަތީޖާއެކެވެ. އެޓީމުން މީގެ ކުރިން ހަތަރު ފަހަރަށް އެފްކޯން ކާމިޔާބުކޮށް، އާއްމުކޮށް ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައިވެސް ތަފާތު ދެއްކިއެވެ.

ގާނާއިން ކުޑަ އުންމީދަކާއެކު ރޭގެ މެޗަށް ނުކުމެ، ޖޯޑަން އަޔޫ 19 ވަނަ މިނެޓުގައި ޖެހި ގޯލުން ދިރުމެއް ހޯދި ނަމަވެސް، ދެވަނަ ހާފަށް ނުކުތް އެންގޯލާގެ ޒީނީ ޖެހި ގޯލުން ގާނާއަށް މުބާރާތުގެ ފުރުސަތު ގެއްލުނެވެ.

ރޭ ކުޅުން އެފްކޯން ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއެކު އިތުރު ގައުމުތަކަކުން ކޮލިފިކޭޝަން ޔަގީންކުރިއެވެ. ގާނާ ހިމެނުނު ގްރޫޕްގެ ދެވަނަ ސޫދާނުން ހޯދި އިރު، އެޓީމުންވެސް ކޮލިފިކޭޝަން ޔަގީންކުރިއެވެ.

ސޫދާންގެ އިތުރުން ރޭ ކޮލިފިކޭޝަން ޔަގީންކުރީ ކޮމޮރޯސް އައިލެންޑްސްއާއި މާލީ، ޒަމްބިއާ އަދި ޒިމްބާބުވޭއެވެ.