އެމްޑަބްލިޔުއެސްސީ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްސް އިއްޔެ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއަހަރު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ޓްރެކްގައި ކުރިއަށް ގެންގޮސްފައިވާ އިރު، ޖުމުލަ 52 ސްކޫލެއްގެ 1563 އެތުލީޓުން ވާދަކޮށްފައިވެއެވެ. 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އިތުރުން 17 އަހަރުން ދަށާއި 20 އަހަރުން ދަށު އުމުރުފުރާގެ އިވެންޓްތައް މުބާރާތުގައި ކުރިއަށް ގެންގޮސްފައިވާ އިރު، އެތުލީޓުންގެ ފަރާތުން ކުރިއެރުންތައް ފެނިގެން ދިޔައެވެ.
ކޮންމެ އުމުރުފުރާއަކުން ވެސް އަންހެން އަދި ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ސްކޫލްތަކުގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުން ހޮވި އިރު، އެންމެ މޮޅު އެތުލީޓުން ވަނީ ގިނަ މީޓް ރެކޯޑުތަކެއް ހަދައިފައެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ރެހެންދި ސްކޫލް ހޮވުނު އިރު، އެ އުމުރުފުރާގެ އަންހެން އެންމެ މޮޅު ސްކޫލަކީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ މުހައްމަދު ޖަމާލުއްދީން ސްކޫލެވެ. އަންހެން ޗެމްޕިއަން ޓީމަކީ ސަލާހުއްދީން ސްކޫލެވެ.
ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް އަފީފުއްދީން ސްކޫލްގެ އައިމިނަތު މައުހާ އަބްދުއް ރަހުމާން ހޮވުނު އިރު، އޭނާ ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދައި މީޓް ރެކޯޑު ހެދުމުގެ އިތުރުން ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފައެވެ. އެ އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ އިސްކަންދަރު ސްކޫލްގެ އުލްވާން އިބްރާހީމް އުމަރެވެ. އުލްވާން ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދައި، 200 މީޓަރު ދުވުމުގެ މީޓް ރެކޯޑު ހަދައިފައެވެ.
ސަތާރަ އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ޗެމްޕިއަން ސްކޫލަކީ ސަރަފުއްދީން ސްކޫލެވެ. ފިރިހެން އެންމެ މޮޅު ސްކޫލަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒެވެ. އެ އުމުރުފުރާގެ އަންހެން އެންމެ މޮޅު އެތުލީޓަކީ އިސްކަންދަރު ސްކޫލްގެ ޒީކް އަޝްރަފު ރަޝީދެވެ. ޒީކް ވަނީ 800 މީޓަރާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި މީޓް ރެކޯޑު ހަދައިފައެވެ.
އެ އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުނާފް ރައްޔާން ފަހުމީއެވެ. ރައްޔާން ވަނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، 200 މީޓަރު މީޓް ރެކޯޑު ހަދައިފައެވެ. އޭގެ އިތުރުން ލޯންގް ޖަމްޕުންވެސް ރައްޔާން ރަން މެޑަލް ހޯދިއެވެ.
މިއަހަރު އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 20 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އެންމެ މޮޅު ސްކޫލަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ އައްޑީ ހައި ސްކޫލްގެ އަހުމަދު އަބްޝަދް މުހައްމަދު ޖަލީލެވެ. އޭނާ ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، 200 މީޓަރު ދުވުމުގެ މީޓް ރެކޯޑު ހަދައިފައެވެ.
އެ އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒެވެ. ޝައިމް ވަނީ ލޯންގް ޖަމްޕާއި ހައި ޖަމްޕްގެ އިތުރުން ޖެވެލިން ތުރޯގެ ރަން މެޑަލް ހޯދައި، ހައި ޖަމްޕާއި ޖެވެލިން ތުރޯގެ މީޓް ރެކޯޑު ހަދައިފައެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް