ޖުމުލަ 47 ސްކޫލަކުން 1500 އަށްވުރެ ގިނަ ދަރިވަރުން ފެނިގެންދިޔަ ވާދަވެރި އިންޓަ ސްކޫލު އެތުލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ހޮވިއްޖެއެވެ.

އިއްޔެ ހުޅުމާލޭގައި ނިމިގެންދިޔަ މުބާރާތުގެ ދެ ކެޓަގަރީންވެސް އެންމެ ގިނަ ކާމިޔާބީތައް ހޯދީ އަހުމަދިއްޔާއެވެ. އެގޮތުން މުބާރާތުގެ 20 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ އެއްވަނަ ހޯދީ އަހުމަދިއްޔާ އިންނެވެ.

މިފަހަރުގެ މުބާރާތް ޖުމުލަކޮށް ކުރީ އަހަރަށްވުރެވެސް ބޮޑަށް ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، އެއް ސްކޫލަކަށް ގިނަ ކެޓަގަރީތަކެއްގައި ކާމިޔާބު ހޯދުންވީ އުނދަގޫ ކަމަކަށެވެ. އެއީ ގިނަ ސްކޫލުތަކަކުން ވަރުގަދަ އެތުލީޓުންތަކެއް ވާދަކޮށްފައިވުމުންނެވެ.

މިފަހަރު 17 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން އެންމެ މޮޅު ސްކޫލުގެ މަގާމު މަޖީދިއްޔާ ސްކޫލުން ހޯދި އިރު، އެ އުމުރުފުރާގެ އަންހެން އެންމެ މޮޅު ސްކޫލަކީ ޝަރަފުއްދީން ސްކޫލެވެ. ވާދަވެރިކޮށް ފެނުނު 15 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު ސްކޫލަކީ ކަލާފާނު ސްކޫލެވެ. ފިރިހެން އެންމެ މޮޅު ސްކޫލަކީ އިސްކަންދަރު ސްކޫލެވެ.

މިފަހަރުގެ މުބާރާތުގައި 13 އަހަރުން ދަށުގެ އުމުރުފުރާގައި ކޮންމެ ބަޔަކުން ގަދަ ތިން ސްކޫލު ހޮވިއެވެ. ފިރިހެން ބައިގެ އެއްވަނަ މިލަންދޫ ސްކޫލުން ހޯދި އިރު، ދެވަނަ ހޯދީ މުހިއްޔުއްދީން ސްކޫލެވެ. ތިންވަނަ ލިބުނީ ކަނޑުހުޅުދޫ ސްކޫލަށެވެ. އަންހެން ބައިގެ އެއްވަނަ އަފީފުއްދީން ސްކޫލުން ހޯދި އިރު، ދެވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސްކޫލުންނެވެ.

މުބާރާތުގެ ވަކިވަކި އެތުލީޓުންގެ ކާމިޔާބީތަކަށް ބަލައިލާ އިރު، 20 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ ގައުމީ ޔުނިވާސިޓީގެ އިބްރާހިމް އާދަމެވެ. އޭނާ ވަނީ މި އުމުރުފުރާގެ ފިރިހެން 500 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން ރަން މެޑަލް ހާސިލުކޮށްފައެވެ. އެ އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދެވެ. ލަޔާނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ.

ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުންނަކީ ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރާއި މަޖީދިއްޔާ ސްކޫލުގެ ޒައިން ޒައިދު އަބްދުﷲ އެވެ. އަހުނާ ވަނީ އޭނާ ރަން މެޑަލް ހޯދި ތިން އިވެންޓުގައި ވެސް ރެކޯޑު ހަދައިފައެވެ. އެގޮތުން، 100 މީޓަރާއި 200 މީޓަރު ދުވުމުން އަހުނާ ރެކޯޑު ހެދި އިރު، ޓްރިޕަލް ޖަމްޕުން އޭނާ ވަނީ ގައުމީ ރެކޯޑު މުގުރާލައިފައެވެ.

ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދީ ތިން ރަން މެޑައްޔާއެކު އިސްކަންދަރު ސްކޫލުގެ މުހައްމަދު އިލާން އިމްރާނެވެ. އެ އުމުރުފުރާގެ އަންހެން އެންމެ މޮޅު އެތުލީޓަކީ ހިތަދޫ ސްކޫލުގެ އާމިނަތު ޒީވާ އާމިރެވެ.