ޖުމުލަ 47 ސްކޫލަކުން ވާދަކުރާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި އިއްޔެ ކުރިއަށްދިޔަ އިވެންޓްތަކުންވެސް ތާޖުއްދީން ސްކޫލްގެ އަހުނާ ނިޒާރު ވިދާލައިފިއެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ހުޅުމާލޭގައި ކުރިއަށްދާ އިރު، މުބާރާތުގެ އިވެންޓްތައް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރުވެސް ކުރިއަށް ދެއެވެ. އިއްޔެވެސް މުބާރާތުގެ ފައިނަލް އިވެންޓްތަކެއް ކުރިއަށް ގޮސްފައިވާ އިރު، އެންމެ ފޯރިގަދަކޮށް ފެނުނީ އެކި އުމުރުފުރާތަކުގެ 100 މީޓަރު ދުވުމުގެ ފައިނަލް އިވެންޓްތަކެވެ.
ފުރަތަމަ ދުވަހު ޓްރިޕަލް ޖަމްޕުން ރާއްޖޭގެ ރެކޯޑު ހަދައި، ރަނގަޅު ފެށުމަކުން ފެށި އަހުނާ، އިއްޔެ ވަނީ އޭނާގެ އަމިއްލަ މީޓް ރެކޯޑަކާއެކު 17 އަހަރުން ދަށުގެ އަންހެން 100 މީޓަރުގެ ރަން މެޑަލް ހޯދައިފައެވެ. އަހުނާ 12.80 ސިކުންތުން ދުވެ، އޭނާ ހީޓްގައި ދުވި ރެކޯޑު އާކުރި އިރު، އަހުނާގެ ފަހަތުން 100 މީޓަރު ދުވުމުން ދެ ވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ މަރިޔަމް އުލްޔާ ނަސީމެވެ. ތިންވަނަ ހޯދީ އަފީފުއްދީން ސްކޫލްގެ އައިޝަތު ހަނާން ހުސައިނެވެ.
ސަތާރަ އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އިސްއާގު ޔުއާބު ހަސަނެވެ. ދެވަނަ އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޔާން އާމިރު ހޯދިއިރު، ތިންވަނަ ހޯދީ އިސްކަންދަރު ސްކޫލްގެ އަހުމަދު ކައިން ގަޔާޝްއެވެ.
ފޯރިގަދަކޮށް ފެނުނު 20 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 100 މީޓަރު ދުވުމުން ސީއެޗްއެސްއީގެ އަހުމަދު ނަޖުދާން އަބްދުﷲ އެއްވަނަ ހޯދީ މީޓް ރެކޯޑަކާވެސް އެކުގައެވެ. އިއްޔެގެ ރޭހުގައި އޭނާ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ނާހިލް ނިޒާރު ފަހަތަށް ޖައްސާލާފައިވާ އިރު، އެ ރޭހުގެ ތިންވަނަ ހޯދީ ގައުމީ ޔުނިވާސިޓީގެ ހުސައިން ހުސާން ހާލިދެވެ.
20 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ އަންހެން ބައިގެ ސްކޫލު ރެކޯޑު އާކޮށް ދާންދޫ ސްކޫލްގެ އާމިނަތު ލަޔާނާ މުހައްމަދު ވަނީ އެއްވަނަ ހޯދާފައެވެ. ލަޔާނާގެ ފަހަތުން އެ އިވެންޓްގެ ދެވަނަ ހޯދީ އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒެވެ. ތިންވަނަ ހޯދީ ވިލާ ކޮލެޖުގެ އާމިނަތު ނުހާ ޒިޔާދެވެ.
ފަނަރަ އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ އަންހެން ބައިގެ އެއް ވަނަ ހޯދީ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ ރައިން މުހައްމަދެވެ. ދެވަނަ އިސްކަންދަރު ސްކޫލްގެ މަރިޔަމް މައިހާ އާދަމް ހޯދިއިރު، ތިންވަނަ ހޯދީ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ނީމް އަހުމަދު ސަލީމެވެ.
އެ އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިގެ އެއް ވަނަ ހޯދީ އިސްކަންދަރު ސްކޫލްގެ މުހައްމަދު އިލާން އިމްރާނެވެ. ދެ ވަނަ ޖަމާލުއްދީން ސްކޫލްގެ ކައިލް އަހުމަދު ޝިނާޒު ހޯދިއިރު، ތިން ވަނަ ހޯދީ ކަލާފާނު ސްކޫލްގެ ޔަސީން މުހައްމަދު ޔާމީނެވެ.
މުބާރާތުގައި އިއްޔެ ކުރިއަށްދިޔަ އެކި އިވެންޓްތަކަށް ބަލާއިރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މާހިލް މުހައްމަދު ލުތުފީ ވަނީ ޖެވްލިން ތުރޯގައި ރެކޯޑު މުގުރާލައި، ރަން މެޑަލް ޔަގީން ކޮށްފައެވެ. އަދި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ހައިޖަމްޕްގެ ރެކޯޑު ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގެ މަންޔާ މެހެތާ މުގުރާލި އިރު، 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ޝޮޓްޕުޓް މީޓް ރެކޯޑު ރެހެންދި ސްކޫލްގެ އާމިނަތު އީޝަލް މޫސާ ހެދިއެވެ. އެ އުމުރުފުރާގެ އަންހެން ޑިސްކަސް އުކުމުގެ ސްކޫލް ރެކޯޑު އަމީނިއްޔާ ސްކޫލްގެ ފާތިމަތު ފާރިހާ ފަޔާޒު ހެދި އިރު، 13 އަހަރުންދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް ރެކޯޑުވެސް މިލަންދޫ ސްކޫލްގެ އާދަމް ޒާން ޔަޒްމީން ހެދިއެވެ.
އަންހެން ކުދިންގެ ލޯންގް ޖަމްޕް މީޓް ރެކޯޑުވެސް އިއްޔެ ހިތަދޫ ސްކޫލްގެ ފާތިމަތު ގާނީ ބިންތި އަސްނާން ހެދިއެވެ.
މުބާރާތުގައި މިއަދު ވެސް ގިނަ އިވެންޓްތަކެއްގެ ފައިނަލް ހީޓުތައް ކުރިއަށްދާނެއެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް