ކުއްލި ހާލަތްތަކުގައި ގުޅާނެ ނަމްބަރު، 911 ތައާރަފުކޮށް، ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރުގެ ހިދުމަތްދޭން ފަށައިފިއެވެ.
އެ ހިދުމަތް ފަށާފައިވަނީ އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެ ހިދުމަތުގައި ބައިވެރިވާ ފުލުހުންނާއި ސިފައިން އަދި ސިއްހީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
ކުރިން ކުއްލި ހާލަތްތަކުގައި އެކި ނަމްބަރުތައް ބޭނުންކުރަމުން ދިޔަ ނަމަވެސް، މިހާރު ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ކޯސްޓްގާޑް އަދި އެމްބިއުލާންސް ފަދަ ހިދުމަތްތަކަށް އެއް ނަމްބަރަކުން ގުޅޭނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކެބިނެޓުން، ކުއްލި ހާލަތުގައި ގުޅޭނެ އެއް ނަމްބަރެއް ތައާރަފުކުރަން ނިންމީ، މީގެ ކުރިން އެއް ތަނަކަށް ތިން ހިދުމަތަށް އެދުމަށް އެކި ނަމްބަރުތައް ބޭނުންކުރަން ޖެހުމުން ހިދުމަތްދިނުމުގައި ލަސްތަކެއް ފާހަގަވާތީ، އެ ހިދުމަތްތައް އަވަހަށް ދިނުމުގެ މަގުސަދުގައި ކަމަށެވެ.
"ކީއްވެގެންތޯ 911، އަޅުގަނޑުމެން އިމަޖެންސީ ސާވިސް ނަމްބަރެއް، މިއީ އެ ނަމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި އިރުގައި، ވިސްނައިވަޑައިގެންނެވި ބައިވަރު ކަންކަން ހުރި. ރިއާޔަތްކުރެއްވި އެންމެ މުހިންމު އެއް ކަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި، ހާއްސަކޮށް ތުއްތު ކުދިންނުން ފެށިގެން އައިސް، ބޮޑެތި މީހުންނާ ހިސާބަކަށް އަޅުގަނޑުމެން ވަރަށް ގިނަ މީހުން ވަރަށް އެވެއާ ނަމްބަރެއް 911 އަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ކުއްލި ހާލަތްތަކުގައި ގުޅާނެ ނަމްބަރަކަށް 911 ހަމަޖެއްސީ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އާންމުގޮތެއްގައި ބެލޭ ފިލްމުތަކަށް ވިޔަސް، ޑޮކިއުމެންޓަރީތަކަށް ވިޔަސް ވަރަށް އާންމު ނަމްބަރަކަށްވާތީ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި އެ ހިދުމަތް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު