ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެފަހު އިވެންޓް، ބަނޑުފިލާ ޗެލެންޖުގެ ފައިނަލުގައި ވާދަކޮށް، މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ލ. ގަމަށް ނިސްބަތްވާ އަލީ ޖާވިދު (ޖާއްޓެ) ހޯދައިފިއެވެ.
ބޮޑީބޯޑިން ލީގުގެ އެންމެ ފަހު އިވެންޓް މިއަދު ވަރުނުލާ ރާޅުގަނޑުގައި ނިމިގެން ގޮސްފައިވާއިރު، ފިރިހެން އޯޕަން ބައިގެ ޗެމްޕިއަނަކީ އެންމެ 16 އަހަރުގެ އިޔަން އަހުމަދެވެ. އޭނާ ފައިނަލުގައި ވާދަކުރީ ޖާއްޓެއާ ދެކޮޅަށެވެ.
މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ތިން އިވެންޓެއް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ ފުރަތަމަ ބޭއްވި ބުރުނު ޝިކާރުގެ ފިރިހެން އޯޕަން ޗެމްޕިއަނަކީ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އެވެ. އެ ފަހަރު ފައިނަލުގައިވެސް ޖާއްޓެ ވާދަކޮށްފައިވާއިރު، އޭގެ ފަހުން ބޭއްވި ލަބެރާ ޗެލެންޖުގެވެސް ޗެމްޕިއަނަކީ ކުޑަ އައްޔައެވެ. ފައިނަލުގައި ވާދަކުރީ ޖާއްޓެއެވެ.
ޖާއްޓެ ތިން މުބާރާތުގެވެސް ފައިނަލުގައި ވާދަކޮށް ލީގު ހޯދީ ކުޑަ އައްޔައާ ހަނި ފަރަގަކުންނެވެ. އަހަރުގެ އެންމެ ޕޮއިންޓް ގިނަ އިވެންޓް، ގައުމީ ބަނޑުފިލާ ޗެލެންޖުގެ ކުއާޓާ އިން ކުޑަ އައްޔަ ކެޓުމާއެކު ޖާއްޓެއަށް ވަނީ ލީގު ޔަގީންވެފައެވެ.
މިދިޔަ އަހަރުގެވެސް ޑްރޮޕްނީ ޗެމްޕިއަން ކުޑަ އައްޔަ މި ފަހަރުގެ ތިން އިވެންޓުގެވެސް ޑްރޮޕްނީ ޗެމްޕިއަންކަން ހޯދައި، ހުރިހާ މުބާރާތެއްގެ ޑްރޮޕްނީ ޗެމްޕިއަންކަން ހޯދި އިރު، މިހާތަނަށް ރާއްޖޭގެ ބޮޑީބޯޑިން އިވެންޓެއްގެ ޑްރޮޕްނީ ކެޓަގަރީގައި ކުޑަ އައްޔަ ބަލިވެފައެއް ނުވެއެވެ.
މިއަދު ނިމުނު ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕްނީ އިވެންޓްގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ އާމިން އުމަރު މޫސާއާ ފައިނަލުގައި ވާދަކޮށް، 12.34 ގެ ސްކޯ އަކާއެކުގައެވެ. އާމިންއަށް ފައިނަލް ހީޓުގައި ހޯދުނީ 4.03 ގެ ސްކޯއެކެވެ.
ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ޗެމްޕިއަންކަން މި ފަހަރު މުހައްމަދު އަޒާން އަހުމަދު ހޯދީ 7.40 ގެ ސްކޯ އަކާއެކުގައެވެ. ފައިނަލުގައި އޭނާ އިޔަންއާ ވާދަކުރި އިރު، އިޔަންއަށް ފައިނަލުގައި ހޯދުނީ 6.60 ގެ ސްކޯއެކެވެ.
އަޒާން ވަނީ މި އަހަރު ލެބެރާ ޗެލެންޖާއި ބުރުނު ޝިކާރުގެވެސް ޖޫނިއާ ޗެމްޕިއަންކަން ހޯދައިފައެވެ. އޭނާ ޖޫނިއާ ލީގު ޗެމްޕިއަންކަން ހޯދީ ތަފާތު ބޮޑު ލީޑަކާއެކުގައެވެ.
މި ފަހަރު ގައުމީ ބަނޑުފިލާ ޗެލެންޖުގެ މާސްޓާސް ކެޓަގަރީގެ ޗެމްޕިއަނަކީ އިބްރާހީމް ޝައިމަންއެވެ. އޭނާ ވާދަކުރީ އަހުމަދު އަފްނާނާ ދެކޮޅަށެވެ. ފައިނަލް ހީޓްގައި ޝައިމަންގެ ސްކޯއަކީ 8.76 އެކެވެ. އަފްނާން ފައިނަލުގައި ހޯދި ސްކޯއަކީ 5.03 ގެ ސްކޯއެކެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)