ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ލީގު 2024 ގެ އެންމެފަހު އިވެންޓް، ގައުމީ ބަނޑުފިލާ ޗެލެންޖް 2024 ގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން އުމުރުން އެންމެ 16 އަހަރުގެ އިޔަން އަހުމަދު ހޯދައިފިއެވެ.

އިޔަން މިއަދު ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓްގައި ލީގު ޗެމްޕިއަން އަލީ ޖާވިދު (ޖާއްޓެ) ބަލިކޮށްގެންނެވެ. ފައިނަލް ހީޓްގައި އިޔަން ވަނީ 10.33 ގެ ސްކޯއެއް ހޯދައިފައެވެ. ޖާއްޓެއަށް ހޯދުނީ 7.83 ގެ ސްކޯއެކެވެ.

މިދިޔަ އަހަރު ބަނޑުފިލާ ޗެލެންޖްގެ ޗެމްޕިއަން ޖާއްޓެ ކުއާޓާގައި އަލީ ހުޝްރުވާން (ކުޑަ އައްޔަ) ބަލިކޮށް ސެމީއަށް ގޮސްފައިވާ އިރު، އިޔަން ކުއާޓާގައި ވާދަކުރީ އަސްވާން މުހައްމަދާ ދެކޮޅަށެވެ. ސެމީގައި ޖާއްޓެ އަޝްރަފް ހަސަން ބަލިކުރީ 12.17 ގެ ސްކޯއެއް ހޯދައިގެންނެވެ. އަޝްރަފަށް އެ ހީޓްގައި ހޯދުނީ 9.03 ގެ ސްކޯއެކެވެ.

އިޔަން ސެމީގައި އާމިން އުމަރު މޫސާއާ ދެކޮޅަށް ނުކުމެ، 12.84 ގެ ސްކޯއެއް ހޯދި އިރު، އާމިން އެ ހީޓްގައި ވަނީ 10.43 ގެ ސްކޯއެއް ހޯދައިފައެވެ.

އިޔަން މިއަދު ހޯދި ކާމިޔާބީއާއެކު އޭނާ ވެފައިވަނީ ރާއްޖޭގެ ބޮޑީބޯޑިން ލީގު އިވެންޓެއްގެ މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން ބޮޑީބޯޑަރަށެވެ. އޭނާ ޖޫނިއާ ބައިގެ ފައިނަލުގައިވެސް ވާދަކޮށް، މުހައްމަދު އަޒާން އަހުމަދު ކައިރިން ބަލިވީ ކުޑަ ތަފާތަކުންނެވެ.

މިއަދުގެ ބޮޑު ކާމިޔާބީއާއެކު އިޔަން "ވަން ސްޕޯޓްސް"އަށް ބުނީ މި މުބާރާތުގެ ހުރިހާ ހީޓެއްގައިވެސް ވަރަށް ބޮޑު ޔަގީންކަމަކާއެކު ވާދަކޮށްލެވުނު ކަމަށާއި، އަންނަ އަހަރުގެ ލީގު ހޯދުމަށް ޓާގެޓް ކުރާ ކަމަށެވެ. އަދި ހާއްސަކޮށް ފިރިހެން އޯޕަން ބައިން ލިބުނު ކާމިޔާބީއާއެކު ބުނާނެ އެއްޗެއް ނޭނގޭހާ އުފާވެފައި ހުރި ކަމަށްވެސް އޭނާ ބުންޏެވެ.

ޖޫނިއާ ފައިނަލު އަޒާން ކާމިޔާބުކުރީ 7.40 ގެ ސްކޯއަކުންނެވެ. އިޔަންއަށް ޖޫނިއާ ފައިނަލް ހީޓްގައި ހޯދުނީ 6.60 ގެ ސްކޯއެކެވެ.