އެމެރިކާގެ ރިޔާސަތަށް ޑޮނަލްޑް ޓްރަމްޕު އިންތިޚާބުކުރެވުނުތާ ހަފުތާއެއްވީއިރު އޭނާގެ ކެބިނެޓުގެ މުހިންމު ހުރިހާ މަގާމަކަށް އައްޔަންކުރައްވާނެ ބޭފުޅުންގެ ލިސްޓެއް ޓްރަމްޕު ވަނީ މިހާރު ހާމަކުރައްވައިފައެވެ. ކުރިއަށްއޮތް ޖެނުއަރީ މަހުގެ ވިހިވަނަ ދުވަހު މަގާމުގެ ހުވާކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ޓްރަމްޕުގެ ސަރުކާރުގައި އިސްދައުރެއް އަދާކުރައްވާނީ ކޮންކޮން ބޭފުޅުންކަން އޭނާ ވަނީ ދުނިޔެއަށް އަންގަވައި އިއުލާން ކުރައްވައިފައެވެ. އޭގެތެރެއިން ބައެއް ބޭފުޅުން ދެނެގަންނަމާބަހީއެވެ. ޚާރިޖީވަޒީރާއި ދިފާއީވަޒީރު، ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް، އެތެރޭގެ ސަލާމަތާބެހޭ ވަޒީރު، އދ. އަށް ކަނޑައެޅިފައި ހުންނަވާ ސަފީރު އަދި ޖާސޫސީ އިދާރާގެ ވެރިޔާއަކީ ދުނިޔޭގެ އެކިއެކި ކަންކަމުގައި އަބަދުވެސް ވަރަށް މަތީދަރަޖައިގެ ބައިވެރިވުން އޮންނަ ބޭފުޅުންނެވެ. އެހެންވީމާ ޓްރަމްޕުގެ އައު ޓީމުގައި މިދެންނެވި މަގާމުތަކަށް ވަޑައިގަންނަވާނީ ކޮންކޮން ބޭފުޅުންނެއްކަން އެނގުން ވަރަށްވެސް މުހިންމެވެ.
އެމެރިކާގެ ވަޒީރުންގެ މަޖިލިސް ނުވަތަ ކެބިނެޓްގައި ތިއްބަވަނީ 26 މެންބަރުންނެވެ. މީގެތެރޭގައި ހިމެނެނީ ނާއިބުރައީސާއި ފަނަރަ ވަޒީރުންނާއި ކެބިނެޓް ފެންވަރުގައި އެކި އިދާރާތަކުގެ ވެރިންނަށް އައްޔަންކުރެވޭ ދިހަ ބޭފުޅުންނެވެ. މީގެތެރެއިން ދެބޭފުޅުން ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތީގޭގެ ރުހުން ބޭނުންވެއެވެ. ސެނެޓުގެ ރުހުން ބޭނުންވެއެވެ. އެފަދަ ރުހުމެއް ނުވަތަ މަޖިލީހުގެ ވޯޓެއް ބޭނުންނުވާ ދެބޭފުޅުންނަކީ ނާއިބުރައީސާއި ރިޔާސީ ގަނޑުވަރު ނުވަތަ ވައިޓްހައުސްގެ ޗީފް އޮފް ސްޓާފެވެ. އދ.އަށް އެމެރިކާއިން ކަނޑައަޅާ ސަފީރަކީވެސް ކެބިނެޓް ލެވެލްގެ ބޭފުޅެކެވެ. ސެނެޓްގެ ރުހުން ބޭނުންވާ ބޭފުޅެކެވެ. އެކިކަންކަމުގައި ރައީސަށް ލަފާއަރުވަން އެކި ނަންނަމުގައި ތިއްބަވާ މުޝީރުންނަށް ގާނޫނުހަދާ މަޖިލީހުގެ ރުހުން ބޭނުމެއް ނުވެއެވެ. އެބޭފުޅުން އައްޔަންކުރުމާއި ވަކިކުރުމަކީ މަޖިލީހުގެ އެއްވެސް ދައުރެއްނެތި ރައީސްގެ އިޚުތިޔާރުގެ ތެރޭގައިވާ ކަމެކެވެ.
ޓްރަމްޕުގެ އައު ސަރުކާރުގައި ޚާރިޖީވަޒީރަކަށްވާނީ ފްލޮރިޑާ ސްޓޭޓްގެ ސެނެޓަރު މާރކޯ ރޫބިއޯކަމަށް ވަނީ ގަބޫލުކުރެވިފައެވެ. ސެނެޓުގެ ރުހުން އޭނާއަށް ލިބިއްޖެނަމަ ރޫބިއޯ ހިމެނިވަޑައިގަންނަވާނީ އެމެރިކާގެ ޚާރިޖީވަޒީރުކަން ކުރައްވާ ލެޓިން ނަސްލުގެ ފުރަތަމަ މީހާކަމުގައެވެ. ރޫބިއޯއަކީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމުގެ ރޭހުގައި ތަންކޮޅެއް ކުރިން ޓްރަމްޕުގެ ވާދަވެރިޔެކެވެ. އެ ޓިކެޓް ޓްރަމްޕު ކަށަވަރު ކުރެއްވުމާއެކު ރޫބިއޯ ވެވަޑައިގަތީ ޚާރިޖީ ކަންކަމުގައި ޓްރަމްޕަށް ލަފާއަރުވާ މުޝީރަކަށެވެ. ބައެއް މީހުން ހީކުރީ ޓްރަމްޕުގެ ރަނިންމޭޓަކަށްވެސް އިޚުތިޔާރު ކުރައްވާނީ ރޫބިއޯ ކަމުގައެވެ. އެކަމަކު ރަނިންމޭޓްކަމަށް ނެންގެވީ ޖޭ.ޑީ ވޭންސެވެ. އެކަން އެގޮތަށް ކުރެއްވިޔަސް ޓްރަމްޕާ ދުރަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅެއް ރޫބިއޯ ނުގެންގުޅުއްވިއެވެ. ރޫބިއޯއަކީ ކިއުބާއިން އެމެރިކާއަށް ހިޖުރަކުރި ދެމަފިރިއެއްގެ ދަރިއެކެވެ. ރޫބިއޯއަކީ ލީބިޔާއާއި ސީރިޔާ ސުންނާފަތި ކުރުމަށް ބާރުއެޅުއްވި ބޭފުޅެކެވެ. ސެނެޓުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި އިންނަވައިގެންނެވެ.
އައު ސަރުކާރުގެ ދިފާއީ ވަޒީރުކަމަށް ގެންނާނީ ފޮކްސް ނިއުސްގެ ޕްރެޒެންޓަރެއް ކަމަށްވާ ޕީޓް ހެގްސެތު ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ. މިއީ ވަރަށް ގިނަބަޔަކަށް ހައިރާންކަން ލިބުނު ނިންމެވުމެކެވެ. ހެގްސެތަކީ ކުރިން އެމެރިކާގެ ސިފައިންގެ ތެރޭގައި އުޅުއްވާފައިވާ ޖޫނިއަރ އޮފިސަރެކެވެ. އިރާގާއި އަފްޣާނިސްތާނުގެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. ގުއަންޓަނަމޯ ބޭގައި އުޅުއްވިއެވެ. ހެގްސެތާމެދު ޓްރަމްޕު ވިދާޅުވަނީ މިހެންނެވެ. އެއީ އެމެރިކާގެ މަސްލަހަތު ނޫން އެހެންކަމެއް އިސްކުރައްވާނެ ބޭފުޅެއް ނޫނެވެ. އެއީ އެމެރިކާގެ ދުޝްމަނުން ނިކަން ބޮޑަށް މޭކަރަންޖެހޭނެ ބޭފުޅެކެވެ. އެމެރިކާގެ އަސްކަރިއްޔާއަށް އާދިރުމެއް ގެންނަވާނެ ބޭފުޅެކެވެ. އެކަން ޔަގީނެވެ. ހެގްސެތަކީ ސިފައިންގެ ޚިދުމަތުން ވަކިވެފައިވާ މީހުންގެ މައްޗަށް އެކުލެވޭ އޮގަނައިޒޭޝަނެއްގެ ވެރިޔާއެވެ. ކަނާތުފިޔައިގެ ހަރުކަށި ފިކުރު ދިރުވުމަށް ބާރުއަޅުއްވައި ތަފާތު ފޮތްފޮތްވެސް އޭނާ ވަނީ ލިޔުއްވައިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުކަމަށްވާ އީލޮން މަސްކް ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕުގެ ކެމްޕޭނަށް ވަރަށް ގިނައިން ޚަރަދު ކުރައްވައިފައެވެ. މިހާރު އެއީ ޓްރަމްޕުގެ ވަރަށް އަރިސް ބޭފުޅެކެވެ. މި އިންތިޚާބުން ޓްރަމްޕު ކުރި ހޯއްދެވުމާއެކު އައު ސަރުކާރުގެ ކޮންމެވެސް ބޮޑު މަގާމެއް އީލޮން މަސްކަށް ދެއްވާނެ ކަމަށް ވަނީ ގަބޫލުކުރެވިފައެވެ. އެ މަގާމަކީ ކޮބައިބާވައެވެ. މިހަފުތާގައި ޓްރަމްޕު ވިދާޅުވިއެވެ. އީލޮން މަސްކުގެ މަގާމަކީ އައު އިދާރާއެއް އުފައްދަވައި އެ އިދާރާގެ ވެރިކަމެވެ. ނަމަކީ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީއެވެ. މި އިދާރާގެ މަސައްކަތަކީ ސަރުކާރުގެ ކަންކަން ހަރުދަނާކުރުމާއި ބޭކާރު ސިސްޓަމްތައް އުވައިލުމާއި ސަރުކާރުގެ ޚަރަދުތަކަށް ފާރަވެރިވެ ބޭކާރުވާ ފައިސާ މަދުކުރުމާއި ސަރުކާރުގެ އިދާރާތައް ޒަމާނީކޮށް އައުގޮތަކަށް ތަރުތީބު ކުރުމެވެ. މިމަސައްކަތުގައި އީލޮން މަސްކުގެ އަނެއް ބައިވެރިޔަކީ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ވިވެކް ރާމަސުވާމީއެވެ. ރާމަސުވާމީއަކީ އިންޑިޔާ ނަސްލުގެ ބޭފުޅެކެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްވެސް ތަންކޮޅެއްކުރިން އޭނާ މަސައްކަތް ކުރެއްވިއެވެ. އެމެރިކާގައި ދިރިއުޅޭ އިންޑިޔާ ނަސްލުގެ މީހުންގެ ވޯޓުގެ ބޮޑުބައެއް ކަމަލާ ހެރިސްގެ ބަދަލުގައި ޓްރަމްޕުގެ ފަޅިއަށް އަނބުރައިލުމުގައި ރާމަސުވާމީ ވަނީ ވަރަށް ބޮޑު ދައުރެއް އަދާކުރައްވައިފައެވެ.
ޓްރަމްޕުގެ ސަރުކާރުން އިޒްރޭލަށް ކަނޑައަޅާ އައު ސަފީރަކަށްވާނީ އާރކަންސޯ ސްޓޭޓްގެ ކުރީގެ ގަވަރުނަރު މައިކް ހަކަބީއެވެ. އޭނާއަކީ މުޅި އުމުރަށްވެސް އިޒްރޭލުގެ ސަޕޯޓަރެކެވެ. އިޒްރޭލުން ގާޒާޔާއި ލުބުނާނަށް ދެމުންދާ ހަމަލަތައް ހުއްޓުވައި ސުލްހަ ގާއިމްކުރުމަށް ރައީސް ޖޯ ބައިޑެން ބާރުއަޅުއްވާތީ ހަކަބީ ވަނީ ބައިޑެންއަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވަނީ ފަލަސްތީނާއި ލުބުނާން މުޅިން ސުންނާފަތިކޮށް ވީރާނާކޮށްގެންނޫނީ ސުލްހައެއް ނުގެނެވޭނެ ކަމުގައެވެ. އެހެންވީމާ އިޒްރޭލުގެ ހަމަލާތައް ނުހުއްޓައި ކުރިއަށް ގެންދަންވާނެ ކަމުގައެވެ. ހުޅަނގު އައްސޭރީގައި އިޒްރޭލުން ގާއިމްކުރަމުންދާ ޣައިރުގާނޫނީ އާބާދީތަކާމެދު އޭނާ ވިދާޅުވެފައިވަނީ އެއީ ސައްހަ އަވަށްތަކެއް ކަމުގައެވެ. ހަކަބީއާމެދު ޓްރަމްޕު ވިދާޅުވީ މިފަދައިންނެވެ. އެއީ އިޒްރޭލު ދެކެ ނުހަނު ލޯބިވާ މީހެކެވެ. އިޒްރޭލު މީހުންވެސް އޭނާދެކެ ހަމައެވަރަށް ލޯބިވެއެވެ. އެއީ ހިތާއި ހިތުގެ ގުޅުމެކެވެ. އެހެންވީމާ އިޒްރޭލަށް ފޮނުވަން އެކަހަލަ އެހެން ސަފީރަކު ނުވެސް ލިބޭނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ