މި ސަރުކާރަށް އަހަރެއް ފުރުން ފާހަގަ ކުރުމަށް އާއިލީ ހަވީރެއް ބާއްވަން ޖެންޑާ މިނިސްޓްރީން ނިންމައިފިއެވެ.
ޖެންޑާ މީޑިއާއިން މިއަދު ބުނީ ފާއިތުވި 52 ހަފުތާގައި ހާސިލު ކުރި ކަންކަމުގެ މައުލޫމާތު ދިނުމަށް "ބަދަހި އާއިލާ-އުފާވެރި މުޖުތަމައު" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
އެ ހަވީރުގެ މަގުސަދަކީ އާއިލީ މާހައުލެއްގައި، ޖެންޑާއިން ފާއިތުވި އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ހިއްސާކުރުން ކަމަށް ޖެންޑާއިން ބުންޏެވެ. އަދި އަންހެނުންނާއި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކާއި ޖެންޑާއިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ މައުލޫމާތު އެ ހަވީރުގައި ރައްޔިތުންނަށް ފޯރުކޮށްދިމަށް ނިންމާފައިވާ ކަމަށެވެ.
އެ ހަވީރު ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާނީ، ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އުރީދޫ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ފުލުހުންނާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއެވެ.
ޖެންޑާއިން އިތުރަށް ބުނީ، އެ ހަވީރުގައި ތަފާތު ގޭމް ސްޓޯލްތަކާއި ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ތަފާތު މެސްކޮޓް (ކާޓޫން ކެރެކްޓާސް) ތަކުގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު