ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެރިކަން ހަވާލުކުރީ ރައްޔިތުންނަށް އެވަރުން ފުދުނީމަ ކަމަށާއި އެމްޑީޕީ ސަރުކާރުން ގައުމު ފުނޑާލީމަ ރައްޔިތުން ބޭނުންވީ ބަދަލަކަށް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރަށް ފާޑުވިދާޅުވަމުން، ސަރުކާރުގެ "ހަފުތާ 52" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓު ނެގި އިރު، ގައުމާއި ރައްޔިތުންނަށް ފުނޑިއްޖެކަން އަދި މިހާ ހިސާބުން ފުދިއްޖެކަން ގަބޫލުކުރެވިގެން ބަދަލު ގެނެސް، ރައީސް މުއިއްޒަށް ފަސް އަހަރު ދުވަހުގެ ދައުރެއް ރައްޔިތުން ދީފައިވާ ކަމަށެވެ.
"އަޅުގަނޑު ޓީވީ ހުޅުވާލި އިރުގައި، ކުރީގެ ރައީސް ވާހަކަފުޅުދައްކަވަން މި އިންނަވަނީ. ބެކްރައުންޑުގައި މި އޮންނަނީ ފުނޑިޖެއޭ، ފުދިއްޖެއޭ. ރައީސް ޑރ. މުހައްމަދު މުއިއްޒާ ރައްޔިތުން ފަސް އަހަރު ދުވަހުގެ ވެރިކަމެއް މި ހަވާލުކުރީ. އެއީ ފަސް އަހަރު ދުވަހުގެ ވެރިކަމެއް އެކްސްޕީރިއަންސް ކުރައްވާފައި، އެ ފަސް އަހަރު ނިމުނު ހިސާބުން ރައްޔިތުންނަށް ގަބޫލުކުރެވިއްޖެ އެ ރައްޔިތުންނާއި ގައުމު ފުނޑިއްޖެކަން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދިޔައިރުގައި،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މި ސަރުކާރުގެ އެއް އަހަރާއި ކުރީ ސަރުކާރުގެ ތަފާސް ހިސާބުތަކަށް އެކަނި ބަލައިލި ކަމުގައިވިޔަސް ތަފާތު ފެންނާނެ ކަމަށާއި އެގޮތުން ހޯމް ސެކްޓާ އިން އެކަނިވެސް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން ޑްރަގާއި ބިދޭސީންގެ މައްސަލަތަކަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"2023 ވަނަ އަހަރު ޑްރަގްސް ހިފެހެއްޓުނު އަދަދަކީ 113 ކިލޯ، 2024 ވަނަ އަހަރު އަޅުގަނޑުމެން 183 ކިލޯ. ބަނގުރާ ރާއްޖޭގެ ސަރަހައްދުތަކުން ހިފެހެއްޓިފައި ހުރީ 2023 ވަނަ އަހަރު 3495 ފުޅި ނުވަތަ ދަޅު، މިހާރު މިހާތަނަށް 8451. ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑީޕޯޓުކުރެވުނު އަދަދު 2023 ވަނަ އަހަރު 2021 މީހުން، މިއަހަރުގެ މިހާތަނަށް 5000 އާ ކައިރިކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ބިދޭސީންގެ މައްސަލައިގައި އެކްސްޕެޓް ސިސްޓަމްގައި ރައްޔިތުންގެ މާލިއްޔަތަށް ވަންނަން ޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށާއި ބެކްލޮގުގައި ހުރި 3348 އައިޑީކާޑުތައް ވެސް ދޫކުރެވިފައިވާ ކަމަށެވެ. އަދި މީގެ ކުރިން ހަމައެކަނި މާލޭގައި އައިޑީކާޑުގެ ހިދުމަތް ލިބޭ އިރު، މިމަހުގެ ނިޔަލަށް ތިން އަތޮޅެއްގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތްދޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު