ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ބަޖެޓު ބޭނުންކޮށްފައި ހުރީ އެ އިންތިހާބުތަކަށް ޓާގެޓުކޮށްގެން ކަމަށާއި ކުރީ ސަރުކާރުން ރައްޔިތުންނަށް ދެއްކީ ދަޅަ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "ހަފުތާ 52" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރަށްވާތީ، އެ އަހަރުގެ ބަޖެޓު ހަދާފައި ހުރީ ސީދާ ރިޔާސީ އިންތިހާބާ ދިމާކޮށް ކަމަށާއި އެއީ މުސްތަގުބަލަކަށް ވިސްނުމެއް ނެތި، ދެން އަންނަން އޮތް ވެރިކަމަކަށް ވިސްނުމެއް ނެތި، ދެވަނަ ދައުރަކަށް ހޮވެން ޓާގެޓުކޮށްގެން ހަދާފައިވާ ބަޖެޓެއް ކަމަށެވެ.

"އެގޮތުން އެތައް ސަތޭކަ ޕްރޮޖެކްޓެއް ބަޖެޓުގައި ހިމަނައިގެން، ވަރަށް ކުދި އަދަދުތަކުން ފައިސާ ހިމަނައިގެން، އެހެންނަމަވެސް އިންތިހާބާ ދިމާކޮށްގެން ކޮންޓްރެކްޓުގައި ސޮއިކޮށްގެން މޮބިލައިޒްކޮށްފައި މިހުރީ. ދަންނަވާ ކަމަށްވަންޏާ، ވަރަށް ގިނަ ރަށްރަށަށް އެބަހުރި ހަމައެކަނި އެކްސްކަވޭޓަރަކާއި ދެތިން މީހުންނާ އަރުވާފަ. ބައެއް ރަށްރަށުގަ އެބަހުރި ހަމައެކަނި ވަޅުގަނޑެއް ކޮނެފަ. ބައެއް ރަށްރަށުގަ އެބަހުރި ނަގަން ޖެހޭ ހުއްދަތައް ނުހޯދައި މަސައްކަތް ފަށާފަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ތެރެއިން އެކަނިވެސް 39 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ސޮއިކޮށްފައިވާ ކަމަށާއި އެއީ ދައުލަތުގެ އާމްދަނީއާ ވެސް ނުބައްދަލު އަދަދެއް ކަމަށެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާފައި، ސަރުކާރަށް ހަރަދު ނުކުރެވޭނެ މިންވަރަށް އޮތީ ޕްރޮޖެކްޓު ފަށާފައި ކަމަށް ވިދާޅުވިއެވެ.

"މި ދެންނެވިގޮތަށް ރަށްރަށަށް މޮބިލައިޒް ކޮށްފައި، ރައްޔިތުންނަށް ދަޅަ ދައްކާފަ ހުރީމަ ވަރަށް ގިނަ ޕްރޮޖެކްޓުތައް ކުރިއަށްނުދާތަން ފެންނާނެ. ރައްޔިތުން ވެސް ގަބޫލުކުރޭ ބަޖެޓުގައި ހުރީ ވަރަށް ކުދި އަދަދުތަކުން ފައިސާ ހިމަނާފައިކަން. 2024 ވަނަ އަހަރުގެ ބަޖެޓު ވެސް ހަދާފަ އޮތީ އެހެން. މަޖިލިސް އިންތިހާބު އޮތީމަ ކޮންމެ ރަށަކަށް ޕްރޮޖެކްޓެއް ޖަހަންވެގެން، ޕްރޮޖެކްޓު ޖަހާފަ ބޭސްލައިން ބަޖެޓަކާ ވެސް ހިލާފަށް، 50 ބިލިއަން ރުފިޔާއަށް ނާރުވަންވެގެން އަދަދުތައް ކުޑަކޮށްލާފަ ހުރީ،" މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވީ އެމްޓީސީސީއަށް އެއްފަހަރާ ކުރިއަށް ނުގެންދެވޭނެހާ ގިނަ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި ފެނަކަ ކޯޕަރޭޝަނުން ދުވަހަކު ވެސް ނުހިންގާ ފަދަ މަޝްރޫއުތަކެއް އެ ކުންފުންޏާ ވެސް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުން ބަލިވުމާއެކު ކުރީ ސަރުކާރުން ހުރިހާ ޕްރޮޖެކްޓެއް ކަހަލަ ގޮތަކަށް ހުއްޓާލި ކަމަށް ވެސް ވިދާޅުވިއެވެ.