ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ލީގު 2024 ގެ އެންމެފަހު އިވެންޓް، ނޭޝަނަލް ބަންޑުފިލާ ޗެލެންޖް 2024 ގެ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލްގެ ހީޓްތަކަށް، ޖޫނިއާ އަދި ޑްރޮޕްނީ ކެޓަގަރީގެ ސެމީ ހީޓްތަކަށް ތައްޔާރުވެއްޖެއެވެ.

ޖުމުލަ 30 އެތުލީޓުންނާ އެކު ވަރުނުލާ ރާޅުގަނޑުގައި އަންގާރަ ދުވަހު ފެށި ބަނޑުފިލާ ޗެލެންޖްގެ ފިރިހެން އޯޕަން ޑިވިޝަނުގައި އިއްޔެ ކުރިއަށްދިޔައީ ރެޕޯ ރައުންޑް ދޭއްގެ ހީޓްތަކާއި ފަސްވަނަ ބުރުގެ ހީޓްތަކެވެ.

ފަސްވަނަ ބުރުގެ ހީޓްތައް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ހީޓް އެކެއް ކާމިޔާބުކޮށް، މިވަގުތު ރޭންކިން އެއްވަނައިގައި އޮތް އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ވަނީ ކުއާޓާއަށް ދެމިގެންފައެވެ. އެއީ 11.33 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގެ ދެވަނަ ހޯދި މުހައްމަދު ކައިފްވެސް ވަރުގަދަ ވާދަކޮށް ކޮށްފައިވާ އިރު، އޭނާ ކުއާޓާއަށް ދިޔައީ 10.06 ގެ ސްކޯއަކުންނެވެ.

ދެވަނަ ހީޓްގެ އެއްވަނަ އަޝްރަފް ހަސަން ހޯދި އިރު، އޭނާގެ ސްކޯއަކީ 7.20 އެވެ. އެ ހީޓްގެ ދެވަނައިގައި ކުއާޓާއަށް ދިޔައީ އަލީ ޖާވިދު (ޖާއްޓެ) އެވެ. އެއީ 5.40 ގެ ސްކޯއަކާއެކުގައެވެ. ދެން އެހީޓްގައި ވާދަކުރި ހުސައިން އަމަން އަލީގެ ސްކޯއަކީ 4.43 އެވެ.

ތިންވަނަ ހީޓްގައި އަސްވާން މުހައްމަދު (ދޫނި) ތަފާތު ދެއްކިއެވެ. އޭނާ ހީޓްގެ އެއްވަނަ ނެގީ 12.34 ގެ ސްކޯއަކާއެކުގައެވެ. ދޫނި ވަނީ އެ ހީޓްގައި 8.67 ސްކޯގެ ވަރުގަދަ ރާޅެއް އަޅައިފައެވެ. އެ ހީޓްގެ ދެވަނައިގައި އާމިން އުމަރު މޫސާ ކުއާޓާއަށް ދިޔައީ 11.66 ގެ ސްކޯއަކާއެކުގައެވެ. ދެން އެހީޓްގައި ވާދަކުރީ ރެޕޯ ހީޓުން ކޮލިފައިވި އަލީ ޝާމް ރާފިއުއެވެ. އޭނާވެސް ރަނގަޅު ވާދައެއް ކޮށް، ނިންމާލީ 9.74 ގެ ސްކޯއަކާއެކުގައެވެ.

ފިރިހެން އޯޕަން ބައިގެ ފަސްވަނަ ބުރުގެ އެންމެ ފަހު ހީޓްގެ އެއްވަނަ އަހުމަދު ނަޒްމީން (ލޯބި) ހޯދީ 7.40 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގެ ދެވަނައިގައި އިޔަން އަހުމަދު ކުއާޓާއަށް ދިޔަ އިރު، އޭނާގެ ސްކޯއަކީ 5.70 އެވެ. ހީޓްގެ ތިންވަނައިގައި ނިންމާލީ މުހައްމަދު އަޒާން އަހުމަދެވެ. އެއީ 4.83 ގެ ސްކޯއަކާއެކުގައެވެ.

އިއްޔެ ޖޫނިއާ ރެޕޯ ހީޓް ކުރިއަށްދިޔަ އިރު، އެ ހީޓްތަކަށް ބޯޑަރުން ނުކުތްއިރުވެސް އަޒާނާއި އިޔަން އޮތީ ސެމީއަށް ގޮސްފައެވެ. ރެޕޯ ހީޓްތަކުން ސެމީއަށް ދިޔައީ ޒާވީ އައިދިން ފިޒާނާއި ނޫން މުހައްމަދު ދުނައިމް އިރްޝާދެވެ.

ދުނައިމް ރެޕޯ ހީޓްގެ އެންމެ ކުރީގައި ނިންމާލީ 2.33 ގެ ސްކޯއަކުންނެވެ. ޒާވީ އެ ހީޓްގައި 0.97 ގެ ސްކޯއެއް ހޯދިއެވެ.

ޑްރޮޕްނީ ކެޓަގަރީގެ ތިންވަނަ ބުރު އިއްޔެ ކުރިއަށް ގޮސްފައިވާ އިރު، ހީޓް އެކެއްގައި ކުޑަ އައްޔަ ވާދަކޮށް، އެ ހީޓް ނެގީ 6.67 ގެ ސްކޯއަކުންނެވެ. އެ ހީޓްގެ ދެވަނަ ހޯދައި އަޒާން ސެމީއަށް ގޮސްފައިވާ އިރު، އޭނާގެ ސްކޯއަކީ 3.27 އެކެވެ. ހީޓް އެކަކުން ކެޓީ ޖާއްޓެއެވެ.

ދެވަނަ ހީޓްގެ އެއްވަނަ ހޯދީ އާމިންއެވެ. އެއީ 4.50 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގެ ދެވަނައިގައި ސެމީއަށް ދިޔައީ 2.47 ގެ ސްކޯއެއް ހޯދި އީޖާޒް ޝަރީފެވެ. އެ ހީޓުން ކެޓީ ކައިފެވެ.

ބަނޑުފިލާ ޗެލެންޖް ރާޅުގަނޑުގައި ކުރިއަށްދާ އިރު، ރާޅަށް ބަލައި މިއަދުވެސް ހުއްޓުމެއް ނެތި އިވެންޓް ކުރިއަށްދާނެއެވެ. މިއަހަރު މިހާތަނަށް ބޮޑީބޯޑިން ލީގުގެ ބުރުނު ޝިކާރުގެ އިތުރުން ލަބެރާ ޗެލެންޖް ބާއްވާފައިވާ އިރު، ބުރުނު ޝިކާރުގެ އަދި ލަބެރާގެވެސް ފިރިހެން އޯޕަން އަދި ޑްރޮޕްނީ ޗެމްޕިއަނަކީވެސް ލެޖެންޑް ކުޑަ އައްޔައެވެ. ބުރުނު ޝިކާރު އަދި ލަބެރާގެވެސް ޖޫނިއާ ފިރިހެން ޗެމްޕިއަންކަން ހޯދީ އަޒާނެވެ.