ރައީސް ޑރ. މުހައްމަދު މުއިއްޒު، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ރައީސް އަދި ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާ ޖިން ލީޗުންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި ބައްދަލުވުމުގައި ރައީސް ވަނީ، އޭއައިއައިބީ އިން ރާއްޖެއަށް ދެމުންދާ އެހީއަށް ޝުކުރު އަދާކުރައްވައި، އެ އެހީތެރިކަމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ޒަރޫރީ އެހީއެއްކަން ފާހަގަކުރައްވާފައި ކަމަށެވެ.

އަދި ރާއްޖެއިން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާ ޕްލޭން ފަދަ ދުރު ރާސްތާއަށް އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް އޭއައިއައިބީގެ އެއްބާރުލުމުގެ މުހިންމުކަން ރައީސް ފާހަގަކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އޭއައިއައިބީގެ ރައީސް ޖިން ވަނީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި އޭއައިއައިބީގެ އެއްބާރުލުން ލިބެމުންދާނެކަމުގެ ޔަގީންކަން އަރުވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ދެ ލީޑަރުން ވެސް ވަނީ ވަސީލަތްތައް ސިންދަފާތުކުރުމުގެ މުހިންމުގެ މައްޗަށް މަޝްވަރާކުރައްވައި، ރާއްޖޭގެ މޫސުމީ އަދި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުންހުރި ދާއިރާތަކުގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.