މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފައްދަން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވެއްޖެ ނަމަ، ނޫސްވެރިކަމުގެ ހައްގު ހަނިވެ، މީޑިއާތަކަށް ސަރުކާރުގެ ނުފޫޒާއި ބާރު ވަދެގެންދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން ހުށަހެޅުއްވި އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުގައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރު ކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.

ބިލުގައިވަނީ އެ ކޮމިޝަންގައި ހަތް މެންބަރުން ހިމެނޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ.

އެ ބިލުގައި ހިމަނާފައިވާ ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބާރު ހަމައެކަނި ލިބިގެންވާނީ މީޑިއާތަކަށް އަމިއްލައަށް އެކަން ކުރާ ގޮތް ނުވަތަ ސެލްފް ރެގިއުލޭޓްރީ މެކޭނިޒަމްއަކަށް ބުރަވާ ގޮތަށް ކަމަށެވެ. އެއީ މީޑިއާގެ މައިގަނޑު އެއް މަސައްކަތަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ބާރުވެރިންގެ މައްޗަށް ފާރަވެރިވެ އެ މީހުން ޒިންމާދާރުކުރުވުން ކަމުގައިވާއިރު ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާއި ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މި ޖަމްއިއްޔާ އިން ދެކޭ ގޮތުގައި އެ ބިލުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތައް އެޅިގެންދާނެއެވެ. އަދި މީޑިއާތައް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުން ނުވަތަ ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، އޭގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަރަށް ބޮޑަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާނެ އެވެ" އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ ރާއްޖޭގައި އުފެއްދި ބާ ކައުންސިލަކީވެސް ކާމިޔާބު ކަމާއެކު ހިނގަމުން އަންނަ ސެލްފް ރެގިއުލޭޓަރީއެއް ކަމަށާއި މިހާރު މިއޮތް މީޑިއާގެ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމްގައި މައްސަލަތަކެއް އުޅޭ ނަމަ އެކަން ހައްލުކުރަން ވާނީ އެ ނިޒާމު އެކީ

ގެއްލިގެން ނުދާ ގޮތަށް މިހާރު ހުރި އެ ނިޒާމުގެ މައްސަލަތައް ހައްލުވާނޭ ވަށާ ޖެހޭނޭ ގޮތަކަށް ކަމަށެވެ.

ނޫސްވެރިކަމާއި މީޑިއާތައް ރެގިއުލޭޓް ކުރަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަކީ އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި އެ ބިލު އެކުލަވާލުމުގައި އެމްޖޭއޭ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ ހޯދާފައިނުވާ ކަމަށްވެސް އެމްޖޭއޭ އިން ބުންޏެވެ.

"އާ ކޮމިޝަންގެ ތިންބައިކުޅަ ދެބައި އޮންނަން ވާނީ މީޑިއާގެ އެކި ވަސީލަތްތަކާއި އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމިއްޔާތައް ތަމުސީލުވާ ގޮތެއްގައި ކަމުގައި މި ޖަމިއްޔާ އިން ގަބޫލުކުރަމެވެ. އަދި ދައުލަތާއި ސަރުކާރަށް ބާރުވެރިކަން ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނެއް އެކުލަވާލަން މި ޖަމިއްޔާއިން އެއްވެސް ގޮތަކަށް ތާއީދެއް ނުކުރާނެއެވެ." އެމްޖޭއޭ އިން ބުންޏެވެ.

  • - ކޮމިޝަންގެ އޮނިގަނޑު އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެންބަރުންގެ ތެރެއިން އަގުލަބިއްޔަތު މެންބަރުން ކަމަށްވާ ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ނަން ފޮނުވައިގެން އައްޔަން ކުރާ މެންބަރުން. މީޑިއާއިން އަމިއްލައަށް އިންތިހާބު ކުރަން ޖެހެނީ އެންމެ ތިން މެންބަރުން. މިކަމުގެ ސަބަބުން މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ސަރުކާރުގެ ބާރާއި ނޭދެވޭ ނުފޫޒުތައް ވަދެ މިހާރު މި އޮތް މިންވަރަށް ވެސް މިނިވަން މީޑިއާގެ ވެށި ގެއްލިގެންދާނެ
  • - ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ކޮމިޝަންގެ ރައީސަށް ދީފައިވާއިރު އެ މަގާމާއި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމެއް
  • - ބިލްގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާއިރު ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް