މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގައި އެކުލަވާލާ ކްލައިމެޓް ފައިނޭންސްގެ އާ އަމާޒަކީ ހަގީގީ ބަދަލެއް ގެނުވާނެ އަމާޒަކަށް ވާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮޕް29 ގެ ތެރެއިން "ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)"ގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ 35 އަހަރު ކުރިން ވެސް މޫސުމީ ބަދަލުތަކާ ގުޅިގެން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގޮވާލި ގޮތަށް މިއަދު ވެސް ރާއްޖެއިން ގޮވާލަން ބޭނުންވަނީ އެކަމަށް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ 20 އަހަރު މާސްޓާޕްލޭނެއް އެކުލަވާލަންް. އޭގައި 2040 އަންނަން ވާއިރަށް، ދެމެހެއްޓެނިވި މޫސުމީ ރައްކާތެރިކަމާއެކު ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަމާޒު ކަނޑައެޅިގެންދާނެ. އަޅުގަނޑުމެންނަށް މާލީގޮތުން އަމާޒުތަކަށް ވާސިލުވުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ. މި ކޮޕްގައި އަޅުގަނޑުމެން އަމާޒު ހިފަން ބޭނުންވަނީ އެކަމަށް. އަލަށް އެކުލަވާލާ ކްލައިމެޓް ފައިނޭންސް އަމާޒަކީ ހަގީގީ ބަދަލެއް ގެނުވާނެ އަމާޒަކަށް ވާންޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް މާލީ އެހީތެރިކަން ބޭނުންވާނީ މިލިއަނުން ނޫން ކަމަށާއި އެކަމަށް ޓްރިލިއަނުން އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ދައުލަތްތަކުގެ ހާއްސަ ހާލަތްތަކަށް ވިސްނަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާ އިރު، އަޅުގަނޑުމެންނަށް ފެންނަނީ ހަނގުރާމަ ހިންގުމަށް މިނިވަންކަމާއެކު ފައިސާ ހަރަދުކުރާ ތަން. އެކަމަކު މޫސުމީ ބަދަލުތަކަށް މަސައްކަތްކުރުމަށް އިސްކަމެއް ދެވިފައެއް ނުވޭ. އެކަންކަމަށް އިސްކަން ދިނުމަށް ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރަން ޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިހުތިޔާރު ކުރަން ޖެހޭނީ ދިރިއުޅުން ބަދަލުވާ މަގު ކަމަށާއި ރާއްޖޭގެ ވަފުދުގެ އަމާޒަކީ އެކަމަށް މަސައްކަތްކުރުމަށް މާލީ އަމާޒު ކަނޑައެޅުން ކަމަށެވެ.