ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ލީގު 2024 ގެ އެންމެފަހު އިވެންޓް، ނޭޝަނަލް ބަންޑުފިލާ ޗެލެންޖް 2024 މިއަދު ފަށައިފިއެވެ.
ޖުމުލަ 30 އެތުލީޓުންނާ އެކު ވަރުނުލާ ރާޅުގަނޑުގައި މިއަދު ފެށި އިވެންޓްގެ ހީޓްތައް ހެނދުނު ވަނީ ފަށައިފައެވެ. ފިރިހެން އޯޕަން، ޖޫނިއާ އޯޕަންގެ އިތުރުން މާސްޓާސް ބައި އަދި ޑްރޮޕް ނީ ކެޓަގަރީގެ ހީޓްތައް މިފަހަރު ކުރިއަށްދާ އިރު، މުބާރާތް ވެގެންދާނީ ފޯރިގަދަ މުބާރާތަކަށެވެ. އެއީ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަން ކަނޑައެޅިގެން ދާ އިވެންޓަކީ ބަނޑުފިލާ ކަމަށްވާތީއެވެ.
ފިރިހެން އޯޕަން ބައިގެ ފުރަތަމަ ރައުންޑުން މިއަދު ހީޓްތައް ފެށި އިރު، އެ ހީޓްތަކުގެ އެއްވަނައާ އެކު އިޔަން އަހުމަދާއި ޒާވީ އައިދިން ފިޒާން، އަސްވާން މުހައްމަދު، ނޫން މުހައްމަދު ދުނައިން އިރުޝާދު، އީޖާޒް ޝަރީފް، މުހައްމަދު ނިފާޒް އަދި އިބްރާހީމް ފަރުހާން ވަނީ ތިންވަނަ ބުރަށް ދަތުރު ކޮށްފައެވެ.
ތިންވަނަ ބުރުން ފެށިގެން މިވަގުތު ލީގު އެއްވަނައިގައި އޮތް އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި އެންމެ މަތިން ރޭންކް ކުރެވިފައިވާ އެތުލީޓުން ވާދަކޮށްފައިވެއެވެ. ތިންވަނަ ބުރުން ކޮންމެ ހީޓަކުން އެއްވަނަ އަދި ދެވަނަ ބޯޑަރު ފަސްވަނަ ބުރަށް ދާ އިރު، ތިންވަނަ ބުރުގެ ފުރަތަމަ ހީޓް ކުޑަ އައްޔަ ކާމިޔާބުކުރީ 12.17 ގެ ސްކޯއަކުންނެވެ. އެ ހީޓްގެ ދެވަނަ އަޝްރަފް ހަސަން ހޯދީ 10.50 ގެ ސްކޯއަކުންނެވެ.
ދެން އެ ހީޓްގައި ވާދަކުރި ނިފާޒާއި އީޖާޒް ވަނީ މާދަމާ އޮންނަ ރެޕޯ ބުރުގެ ހީޓްތަކަށް ގޮސްފައެވެ.
ފިރިހެން އޯޕަން ދެވަނަ ހީޓްގެ އެއްވަނަ އަލީ ޖާވިދު (ޖާއްޓެ) ހޯދި އިރު، އޭނާގެ ސްކޯއަކީ 9.40 އެކެވެ. އެ ހީޓްގެ ދެވަނަ ހޯދި އަސްވާން މުހައްމަދުގެ ސްކޯއަކީ 9.23 އެކެވެ. ހީޓްގައި ދެން ހިމެނުނު އަލީ ޝާމް ރާފިއު ދެން ވާދަކުރާނީ ރެޕޯ ހީޓްގައެވެ.
ހީޓް ތިނެއްގެ އެއްވަނަ އާމިން އުމަރު މުސާ ހޯދީ 11.16 ގެ ސްކޯއަކުންނެވެ. އެ ހީޓްގެ ދެވަނަ އިޔަން އަހުމަދު ހޯދީ 10.50 ގެ ސްކޯއަކުންނެވެ. އެ ހީޓްގައި ދެން ވާދަކުރި މުހައްމަދު އަޒާން އަހުމަދާއި އިބްރާހިމް ފަރުހާން ވާދަކުރަން މާދަމާ އޮންނަ ރެޕޯ ހީޓްގައެވެ.
ހަތަރު ވަނަ ހީޓްގެ އެއްވަނަ ނެގީ އަހުމަދު ނަޒްމީން (ލޯބި) އެވެ. އޭނާ 11.67 ގެ ސްކޯއެއް ހޯދި އިރު، އެ ހީޓްގެ ދެވަނަ ހޯދީ ޒާވީ އައިދިން ފިޒާނެވެ. އެއީ 3.20 ގެ ސްކޯއަކުންނެވެ. ދެން އެ ހީޓްގައި ހިމެނިފައި ވަނީ އިބްރާހީމް ޝިމަންއެވެ. އޭނާވެސް މާދަމާގެ ރެޕޯ ހީޓްގައި ވާދަކުރާނެއެވެ.
ފިރިހެން އޯޕަން ތިންވަނަ ބުރުގެ އެންމެ ފަހު ހީޓްގައި މުހައްމަދު ކައިފް ވަނީ 10.84 ގެ ސްކޯއެއް ހަދައި، އެއްވަނަ ހޯދައިފައެވެ. ދެން އެ ހީޓުން ފަސްވަނަ ބުރަށް ދިޔައީ ހުސައިން އަމަން އަލީއެވެ. އެއީ 5.74 ގެ ސްކޯއަކުންނެވެ. އެ ހީޓުން ރެޕޯ ހީޓަށް ދިޔައީ ދުނައިމްއެވެ.
މިއަދު ކުރިއަށް ދިޔަ ޖޫނިއާ ފުރަތަމަ ބުރުގެ ހީޓްތައް ކާމިޔާބުކޮށް އިޔަން އާއި މުހައްމަދު އަޒާން އަހުމަދު ޖޫނިއާ ސެމީއަށް ދިޔަ އިރު، ހީޓް އެކެއްގެ އެއްވަނަ އަޒާން ހޯދީ 5.50 ގެ ސްކޯއަކުންނެވެ. ދެން އެހީޓްގައި ވާދަކުރި ޒާވީ އާއި ކަޔާން އަބްދުﷲ އަރީފް މާދަމާ ރެޕޯ ހީޓުގައި ވާދަކުރާ އިރު، އިޔަން ދެވަނަ ހީޓްގެ އެއްވަނަ ހޯދީ 10.50 ގެ ސްކޯއަކުންނެވެ. އެ ހީޓުގައި ދެން ވާދަކުރި ދުނައިމް މާދަމާ ރެޕޯ ހީޓްގައި ވާދަކުރާނެއެވެ.
ޑްރޮޕް ނީ ކެޓަގަރީގެ ތިންވަނަ ބުރަށް ކުޑަ އައްޔައާއި ޖާއްޓެގެ އިތުރުން އާމިން އަދި އީޖާޒް ދަތުރު ކޮށްފައިވާ އިރު، ކުޑަ އައްޔަ ފުރަތަމަ ހީޓް ނެގީ 5.43 ގެ ސްކޯއަކުންނެވެ. ޖާއްޓެ ދެވަނަ ހީޓްގައި 3.84 ގެ ސްކޯއެއް ހޯދައި ހީޓް ކާމިޔާބުކުރި އިރު، އީޖާޒް ކަޔާނާ ވާދަކޮށް ހީޓް ގެންދިޔައީ 4.73 ގެ ސްކޯއަކުންނެވެ.
އާމިންއާއި ކައިފް ހަތަރުވަނަ ހީޓްގައި ވާދަކޮށް، އާމިން ހީޓް ކާމިޔާބުކުރީ 5.33 ގެ ސްކޯއަކުންނެވެ.
މާސްޓާސްގެ ފުރަތަމަ ބުރާއި ރެޕޯ ހީޓްވެސް ނިމިފައިވާ އިރު، ސެމީގައި ވާދަކުރަން އޮތީ އިބްރާހިމް ޝައިމަންއާއި އަހުމަދު އަފްނާން އަދި މުހައްމަދު ރިލުވާނެވެ.
ބަނޑުފިލާ ޗެލެންޖް ރާޅުގަނޑުގައި ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. މިއަހަރު މިހާތަނަށް ބޮޑީބޯޑިން ލީގުގެ ބުރުނު ޝިކާރުގެ އިތުރުން ލަބެރާ ޗެލެންޖް ބާއްވާފައިވާ އިރު، ބުރުނު ޝިކާރުގެ އަދި ލަބެރާގެވެސް ފިރިހެން އޯޕަން އަދި ޑްރޮޕްނީ ޗެމްޕިއަނަކީވެސް ލެޖެންޑް ކުޑަ އައްޔައެވެ. ބުރުނު ޝިކާރު އަދި ލަބެރާގެވެސް ޖޫނިއާ ފިރިހެން ޗެމްޕިއަންކަން ހޯދީ އަޒާނެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)