ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އުވާލިޔަސް އެ ޕާޓީގެ ކުލައާއި ލޯގޯ އަދި އެ ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި އަލަށް އުފައްދާ ސިޔާސީ ޕާޓީއަކަށް ވަކި މުއްދަތެއް ވަންދެން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނު އިސްލާހުކުރަން މަޖިލީހުގެ މުޅި ކޮމިޓީން ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރީ މަޖިލީހުގެ މުޅި ކޮމިޓީންނެވެ. އެ ކޮމިޓީން އެ ބިލު ދިރާސާ ކުރުމަށްފަހު ވަނީ އިތުރު އިސްލާހުތަކެއް ގެންނަން ނިންމައިފައެވެ.
އެ އިސްލާހުތަކަކީ ސިޔާސީ ޕާޓީއެއް އުވާލި ނަމަވެސް އުވާލި ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކަ އަދި ކުލަ ފަދަ ޕާޓީ ރަމްޒުކޮށްދޭ ތަކެތި ޕާޓީ އުވާލާތާ ފަސް އަހަރު ނުވާ ނަމަ ބޭނުން ނުކުރެވޭ ގޮތް ހެދުމެވެ. އަނެއް އިސްލާހުގައި ވަނީ ސިޔާސީ ޕާޓީގެ ގައުމީ ބައްދަލުވުމެއް ކޮންމެ ފަސް އަަހަރަކުން އެއް ފަހަރު ނުބޭއްވިއްޖެ ނަމަ އުވާނުލެވޭނެ ކަމަށެވެ.
އޭގެ ތެރެއިން ފުރަތަމަ އިސްލާހަކީ ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. އެ އިސްލާހު ކޮމިޓީން ފާސްކުރީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ. ދެވަނަ އިސްލާހަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއުއެވެ. އެ އިސްލާހު ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 39 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީއަށް ގެންނަން ހުށަހެޅި އިސްލާހުތަކަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތް ހެދުމެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުުގައި މިހާރު އޮންނަނީ، ގާނޫނާ ހިލާފުވާ މެންބަރަކު 30,000 ރުފިޔާ އާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އެގޮތަށް ޖޫރިމަނާކުރުމުގެ އިތުރުން އެ މެންބަރަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، އަހަރުގެ މުޅި ބަޖެޓުން ދޭ ފައިސާއެއްގެ ގޮތުގައި އޮތް އޮތުން، ބަޖެޓްގެ އާމްދަނީން ދޭ ފައިސާއެއް ކަމަށް ބަދަލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
ގާނޫގެ 10 ވަނަ މާއްދާގައި މިހާރު އޮންނަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ މީހަކު އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލްގައި ހުށަޅާފައި ވަނީ އެ މާއްދާ އުވާލުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު