ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުލްރަހުމާން އަލް މަރްޝަދްއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

ސައުދީ ފަންޑުގެ ސީއީއޯއާ ރައީސް ބައްދަލުކުރެއްވީ، ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ރޭ ބުނީ ސައުދީގެ ރިޔާދްގައި ބޭއްވި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަކުރެއްވީ އެއްބާރުލުން ދިނުން އިތުރުކުރުމަށާއި ރާއްޖެ އާއި ސައުދީ ފަންޑާ ދެމެދު ޕާޓްނަޝިޕް ހެދެން ހުރި އާ މަގުތަކެއް ހޯދުމާ ގުޅޭގޮތުން ކަމަށެވެ.

ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ބައްދަލުވުމުގައި ދެއްވާފައިވާ ކަމަށާއި އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތަރައްގީގެ މަސައްކަތަކާއި މަސްވެރިކަމުގެ ދާއިރާގެ މަޝްރޫއުތައް އަދި އެހެނިހެން އިންފްރާސްޓްރަޗާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރާއްޖެ އާއި ސައުދީ ފަންޑާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، އިގުތިސާދީ އަދި ތަރައްގީގެ ލަނޑުދަނޑިތަކަށް މަސައްކަތްކުރުމަށް އެއްބާރުލުން އިތުރުކުރުމަށް ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.