އިސްރާއީލުގެ އަނިޔާވެރި އަމަލުތަކާއެކު ބާރުގަދަ ގައުމުތަކުން ދައްކުވައިދެނީ ފަލަސްތީނު ރައްޔިތުންގެ ފުރާނައަކީ އަގެއް ނެތް އެއްޗެއް ކަމަށާއި އެކަން އެގޮތަށް ދޫކޮށްލައިގެން ތިބެވޭކަށް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރި އިސްތިއުމާރާއި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ސަބަބުން ތަސައްވުރު ނުކުރެވޭ ފަދަ މަރާއި ފަނާވުމާއި ތަކުލީފުތައް ކުރިމަތިވެފައިވާ ކަމަށެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ ގާތްގަނޑަކަށް 50،000 މީހުންނާއި ލުބުނާނުގައި އިތުރު އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިގޮތަށް ދޫކޮށްލައިގެން ތިބެވޭކަށް ނެތް. އަޅުގަނޑުމެންގެ ބަޔާންތައް، އަޅުގަނޑުމެންގެ ކުށްވެރިކުރުންތަކުން މާބޮޑު ބަދަލެއް ނުގެނޭ. ވެރިކަން ހިފަހައްޓާ މީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެއް ނުވޭ. ބާރުގަދަ ގައުމުތަކުގެ އަމަލުތަކުން ދައްކުވައިދެނީ ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައަކީ އެހެން އިންސާނުންގެ ފުރާނަ ފަދައިން އަގުހުރި އެއްޗެއްކަން އެމީހުން ދެނެނުގަންނަކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ގައުމުތަކުގެ ހިމޭންކަމާއި އަމަލު ނުކުރުމުގެ ސަބަބުން އިސްރާއީލުގެ އަނިޔާވެރި އިސްތިއުމާރު ދެމިއޮތުމަށް މަގުފަހިވެގެންދާ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައު، ހާއްސަކޮށް ސިޔާސީ އަދި އިގުތިސާދީ ގޮތުން ބޮޑު ނުފޫޒެއް ފޯރުވާ ފަރާތްތައް ފަލަސްތީނުގެ ރައްޔިތުންނަށް ނާކާމިޔާބުވެފައިވާ ކަމަށެވެ.

ސަލާމަތީ މަޖިލީހަށް މާނަހުރި ފިޔަވަޅުތަކެއް ނޭޅި، ހަނގުރާމައިގެ ޖަރީމާތަކަށް އަދަބު ނުލިބި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމާއި، މި ނަސްލު ނައްތާލުމަށް ހަތިޔާރު ބޭނުންކުރުމަށް މަގު ކޮށައިދެވެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ގައުމުތަކުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށްލެވޭ. އެކަމަކު އެއްބައިވަންތަކަމަކީ ހަމައެކަނި ބަސްތަކަކަށްވުރެ މާ ބޮޑު ކަމެއް. ބައިނަލްއަގުވާމީ މުޖުތަމައުން އެމީހުންގެ ތާއީދު އިތުރުކުރަން ޖެހޭނެ، މާލީ ގޮތުންނާއި ސިޔާސީ ގޮތުންވެސް. އަމަލުގެ ކޮންމެ ފިޔަވަޅެއް، އޭގެ ކުޑަ ވިޔަސް ބޮޑުވިޔަސް މުހިންމު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަކީ މި އުއްމަތުގެ ހިތުގައި ޖެހޭ ޒަހަމެއް ކަމަށާއި އުއްމަތެއްގެ ގޮތުގައި މިހާރު ކަނޑައެޅިގެން އަމަލު ނުކޮށްފިނަމަ، ތާރީހުން ހަރުކަށި ހުކުމްކުރާނެ ކަމަށެވެ. އަދި މި ސަމިޓަކީ އަޒުމު ހަގީގީ އަމަލަކަށް ބަދަލުކޮށް އެނބުރުމުގެ ނިޝާނަކަށް ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.