މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތަށް ލިބެން ހުރި ފައިސާ ހޯދަން ކުރެވުނު މަސައްކަތުގެ ތެރެއިން 3.7 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރާ ގައުމުގެ އިގުތިސާދު ހަވާލުކުރީ ދުވަހަކުވެސް ރާއްޖެ ދަރަނިވެރި ނުކޮށްލާ މިންވަރަށް ދަރަނިވެރި ކޮށްލާފައި ކަމަށާއި އެގޮތުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައި އޮތް ކަމަށެވެ.

އެ ހާލަތުގައި ގައުމުގެ އިގުތިސާދު އޮތް ނަމަވެސް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ފައިސާ ޗާޕުކޮށްފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދައުލަތަށް ލިބެން ހުރި ފައިސާ ހޯދުމަށް މިދިޔަ އަހަރެއްހާ ދުވަހު ގަވާއިދުތަކާއި ގާނޫނުތައް އަދި ތަންފީޒީ ދާއިރާ ވަރުގަދަކޮށްގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރަށް އެކި ފަރާތްތަކުން ދައްކަންޖެހިފައި ނަމަވެސް ނުހޯދިވާ ފައިސާގެ ތެރެއިން 3.7 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ނަގަންޖެހޭ ދަރަނިވެސް މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 78 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ޖަމާކޮށްފައިވާކަންވެސް ފާހަގަކުރައްވައިފައެވެ.

ކުންފުނިތައް ލައްވައި ސަރުކާރުން ކުރުވި މަސައްކަތްތަކަށް އެތައް 100 މިލިއަން ރުފިޔާއެއް ނުދީ ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައި ހުރި ފަސް މިލިއަން ރުފިޔާއަށްވުރެ ދަށުގެ ހުރިހާ ބިލުތަކަށް ފައިސާދީ ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހަފުތާގައި އެކަނިވެސް 501 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާއިރު، މި ވެރިކަމުގެ މިހާތަނަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ލައްވައި ސަރުކާރުން ކުރުވާފައިވާ މަސައްކަތަށް 6.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.