ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް، އެއް ބުރުން އިންތިހާބުވާ ގޮތަށް ހަދަން ވިސްނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ނުދާނެ ގޮތަށް ހެދުމާ މެދު ދިރާސާކުރުމަށް އެޓާނީ ޖެނެރަލްއާ ހަވާލުކުރައްވާފައިވާނެ ކަމަށާއި އެއީ ބައެއް ގައުމުތަކުގައި ކަންކުރާ އުސޫލެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތް، ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި ޕްރިފަރެންޝަލް ވޯޓިން އިން ދެވަނަ ބުރަކަށް ދާ ހާލެއްގައި ވެރިޔަކަށް ހޮވާނެ މީހާ ވެސް އެނގޭ ގޮތަށް ވޯޓުލެވޭ ގޮތަށް. މާނައަކީ އެއްބުރުން ނިމޭނެއޭ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް. އަޅުގަނޑު ހިތުން އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އެގޮތަށް އޮވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން ދިރާސާކޮށްފައި އެކަމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަސްދުކުރައްވާ ކަމަށާއި ރައްޔިތުންނަށް ފެންނަ ނަމަ، އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް އެކަން ބަދަލުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހިތުން އެއީ ހަރަދުވެސް ކުޑަވާނެ އެގޮތަށް އެކަން ކުރީމަ. އެހެންވީމާ އެކަމަށް ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަހަންޖެހޭ ކަމަށްވަންޏާ އަހަން ގަސްދުކުރާ ވާހަކަ އިއުލާންކޮށްލަން މިއަދު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ ދައުރު ހަމަވާ ދުވަސް ކުރިން އޮންނަ ގޮތަށް ނޮވެމްބަރު 17ގެ ބަދަލުގައި ނޮވެމްބަރު 11 އަށް އަލުން ބަދަލުކުރުމަށާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެކުގައި ބޭއްވުމާ މެދު ދެކޭ ގޮތް ބެލުމަށް ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގަސްދުކުރައްވާ ކަމަށެވެ.