ތައުލީމަށް ހިދުމަތްކޮށްދިނުމުގެ އެންމެ މަތީ ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އަރުވައިފައެވެ.
ތައުލީމަށް ހިދުމަތްކޮށްދިނުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ އަރުވާ އެންމެ މަތިވެރި ޝަރަފު ޑރ. ޒާހިރަށް އަރުވާފައިވަނީ މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް ވަނީ ޒާހިރަށް ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ މެޑަލްއެއް އަރުވައިފައެވެ.
އަލް އަޒްހަރު ޔުނިވާސިޓީން ކިޔަވައިވިދާޅުވުމަށްފަހު، 1970 ވަނަ އަހަރު ޑރ. ޒާހިރު ފުރަތަމަ މަސައްކަތްކުރެއްވީ އަމީނިއްޔާ ސްކޫލުގައި އިސްލާމް މުދަރިސެއްގެ ގޮތުގައެވެ. އަދި 1972 ވަނަ އަހަރު ސަރުކާރުން ވަނީ އެޑިއުކޭޝަންގެ ވަކީލުކަމުގެ މަގާމަށް ޑރ. ޒާހިރު ބަދަލުކުރައްވައިފައެވެ.
އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުކަމުގެ މަގާމަށް މަސައްކަތްކުރައްވަމުން ޑރ. ޒާހިރު ވަނީ ކޮމިއުނިޓީ ސްކޫލުތައް ބިނާކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި ފޮތްތައް އެކުލަވާލައިލުމަށް ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުން ހިންގި މަޝްރޫއެއްގައި ހާއްސަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް 1978 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވެސް އެ މަޝްރޫއު ކުރިއަށްގެންދެވިއެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި 1979 ވަނަ އަހަރު ޑރ. ޒާހިރު ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވައިފައެވެ. މިނިސްޓަރުގެ މަގާމުގައި ހުންނަވައި ޑރ. ޒާހިރު ވަނީ ލިޔަންކިޔަން ނުދަންނަ މީހުންނަށް ހާއްސަ ޕްރޮގްރާމެއް ހިންގަވައިފައެވެ. އެ ޕްރޮގްރާމު 1990 ވަނަ އަހަރު ނިމުނު އިރު، ލިޔަންކިޔަން ދަންނަ މީހުންގެ އިންސައްތައަކީ 98 އެވެ.
އޭގެ އިތުރުން ޑރ. ޒާހިރުގެ މިނިސްޓަރުކަމުގައި ތައުލީމީ މުގައްރަރަށް ހެޔޮ ބަދަލުތަކެއް ގެންނަވައި، އަރަބި ތައުލީމު އުނގަންނައިދިނުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރެއްވިއެވެ. ޑރ. ޒާހިރު ވަނީ ދިހަ އަހަރާއި ނުވަ މަހުގެ ދިގު މުއްދަތެއްގައި އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވައިފައެވެ.
އޭގެ ފަހުން ޑރ. ޒާހިރު އައްޔަންކުރެއްވީ ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރުކަމުގެ މަގާމަށެވެ. އެ މަގާމުގައި ހުންނަވައި ޑރ. ޒާހިރު ވަނީ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން ކުޅިވަރު ޒޯން ސްޓޭޑިއަމްތައް ބިނާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވަމުން ޑރ. ޒާހިރު ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި، ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްކުރައްވައިފައެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް ވެސް ޑރ. ޒާހިރު ވަނީ ހިދުމަތްތަކެއް ކުރައްވައިފައެވެ. ޑރ. ޒާހިރު ވަނީ 1989 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ ޝަރަފުވެރި އިނާމާއި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމު އަދި ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް ހާސިލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު