މެދުކެނޑިފައި އޮތް ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަލުން ފަށައިފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެެވެ.

އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާއިރު، އެ މަސައްކަތް ކުރިއަށްދަނީ 12 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެ ސަރަހައްދުތަކުގެ ތެރެއިން މިހާތަނަށް ބިން ހިއްކައި ނިމިފައިވަނީ އެންމެ ސަރަހައްދެއްގައެވެ. އެއީ 29 ހެކްޓަރުގެ ބިމެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ފުރަތަމަ ހަވާލުކުރީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެވެ. އެއީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް ބިން ހިއްކުމުގެ މުގާބިލުގައި ރަސްމާލެ އިންނާއި ހުޅުމާލެއިން ބިން ދޭ ގޮތަށެވެ. ނަމަވެސް ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާތީ އެ ކުންފުނީގެ އެއްބަސްވުން ސަރުކާރުން ވަނީ ފަހުން އުވާލައިފައެވެ.

ފަހުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓު (އެމްއެމްއީ) އާއި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއާރުސީސީ) އާއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އެޗްޑީސީން ނުދެއެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން ރަސްމާލެ ހިއްކުމުގެ މަޝްރޫއު މަޑުޖެހުނީ އެކަމަށް ބޭނުންވާ ވެލި ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންނެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އީޕީއޭ އިން ވަނީ ރަސްމާލެ ހިއްކަން ވެލި ނެގޭނެ ތިން ސަރަހައްދެއް ފާހަގަކޮށް، އެ ތަން ހިއްކަން ހަ މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

އީޕީއޭ އިން އޭރު ހުއްދަ ދިނީ ރަސްމާލޭގެ ނުވަ ސައިޓެއް ހިއްކާށެވެ. އެއީ 562 ހެކްޓަރުގެ ބިމެވެ.