ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އާބަން ސެންޓަރު ގާއިމްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދުމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ހަތް އާބަން ސެންޓަރު (މާލެއިން އުތުރުން ތިން ސެންޓަރު، މާލެއިން ދެކުނުން ހަތަރު ސެންޓަރު) ތަރައްގީ ކުރުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

"އަދި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްގީގެ މާސްޓަ ޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ހިޔާލާއި ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ގަސްދުކުރާ ކަންކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކަންކަމުގެ ހަގީގަތް ނުބަލައި ނުވަތަ ހަގީގަތް ނޭންގި ތިބެ، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރާ ބޭފުޅުން ކަމަށެވެ

އަތޮޅުތައް ތަރައްގީ ކުރުމުގައި ހަތް ރަށެއް، އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މިހާރު ވަނީ އާބަސް ސެންޓަރު ގާއިމްކުރާ ހަތް ރަށް ކަނޑައަޅައިފައެވެ. އެއީ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫގެ އިތުރުން ލ. ފޮނަދޫއެވެ.