(1 ނޮވެމްބަރުގެ އަދަދާ ގުޅޭ)

أبـــوهــــــريـــــرة رضـــى اللّــــه عــنـــــه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްދުވަހަކު ޞަޙާބީންގެ މަޖިލީހެއްގައި އިންނަވައިފައި ޙަދީސުކުރެއްވިއެވެ.

رغــــم انــفـــه (އޭނާގެ ނޭފަތް ހިރަފުހުން ތަތްތެޅިއްޖެއެވެ. - އޭނާގެ މުރާދު ޙާޞިލުނުވެ ނާކާމިޔާބުވެއްޖެއެވެ.) ހާޒިރުވެވަޑައިގެން ތިއްބެވި ބޭކަލުން ސުވާލުކުރެއްވިއެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ. "ކާކުތޯއެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "އެމީހެއްގެ މައިންބަފައިންގެ ނުވަތަ އެދެމީހުންކުރެ އެކެއްގެ މުސްކުޅި ޙާލަތުގައި ދިމާވެ ސުވަރުގެ ނުހޯދުނު މީހާއެވެ."

މުސްކުޅި މައިންބަފައިންނާ މުޢާމަލާކުރުމުގައި ބޭނުންވާ ރަވައްޔާއަކީ ކޮބައިތޯއެވެ؟ އެބައިމީހުންނާމެދު ޢަމަލުކުރާންވީ ކޮންގޮތަކަށްތޯއެވެ؟ އެކަމުގެ ވަރަށް ރީތި ވަރަށް ފުރިހަމަ ބަޔާންކުރެއްވުމެއް ކީރިތި ޤުރްއާނުގައި ވަނީ އަޅުގަނޑުމެންނަށް އަންގަވައިދެއްވައިފައެވެ.

"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެ ދެމީހުންނަށް އުފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތްބަހުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެގޮތުން ނިކަމެތިވުމުގެ ފިޔަ ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! "އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖެއްކަމުގައި މިއަޅާ ވީދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!" (ألإســـــراء: 23، 24)

عـلاّمـــة قــرطـبــــى މި ދެއާޔަތުގެ ޝަރަޙައިގައި ލިޔުއްވައިފައިވެއެވެ.

"މި ދެއާޔަތުގައި ޚާއްޞަގޮތެއްގައި ގެންނަވައިފައިވަނީ މުސްކުޅި ޢުމުރުގެ ވާހަކައެވެ. އެހެނީ މުސްކުޅި ޢުމުރަކީ މައިންބަފައިން އެބައިމީހުންގެ ދަރީންގެ އަޅައިލުމާއި ހޭހަންކުރުމަށް އެންމެބޮޑަށް ބޭނުންވާ މަރްޙަލާއެވެ. އެހެނީ މުސްކުޅިކަމާއި ވަރުދެރަކަމުގެ ސަބަބުން އެބައިމީހުންގެ ޙާލަތު އޭރުވާނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. އެހެންކަމުން އެ މަރްޙަލާގައި އެބައިމީހުންގެ ޙާލުބަލައި އަޅައިލައި އެހީތެރިވާން ޚާއްޞަގޮތެއްގައި ބާރުއަޅުއްވައިފައިވަނީއެވެ. ޢާންމުގޮތެއްގައި މައިންބަފައިންގެ މި ޢުމުރުގައި އެބައިމީހުން ކޮންމެކަމެއްގައިވެސް ބުރަވާނީ ދަރީންގެ އެހީތެރިކަމަށެވެ. އެބައިމީހުންނަށް ކަންކަން ކުރެވޭނީ ދަރީންގެ ވާގިވެރިކަން ލިބިގެންނެވެ. އެހީތެރިކަން ލިބެމުންދާ މިންވަރަކުންނެވެ. މައިންބަފައިން ބޭނުންވަނީ ދަރީން ޅަފަތުގެދާނުގައި ތިބިއިރު މައިންބަފައިން އެކުދީން ބެލެހެއްޓިފަދައިން އެކުދީންވެސް މައިންބަފައިން ބެލެހެއްޓުމެވެ.

މި މާތް ދެ އާޔަތުގައި މުސްކުޅި ޢުމުރުގެ ވާހަކަ ޚާއްޞަގޮތެއްގައި ބަޔާންކުރައްވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ސަބަބުވެސް ހިމެނެއެވެ.

"ދިގުމުއްދަތަކަށް މީހަކު ބަލަހައްޓައި އަޅައިލައި ހޭހަންކުރާންޖެހިއްޖެ ކަމުގައިވާނަމަ ޢާންމުގޮތެއްގައި މީހުން ސިފަކުރަނީ އެކަމަކީ އުފުލާން ޖެހިފައިވާ ބަރެއްކަމުގައެވެ. އެހެންކަމުން އެކަމާ ފޫހިވެއެވެ. ކުދިކުދި ކަންތައްތަކާވެސް ނުގަބޫލުވެ ނުރުހުން ފާޅުކުރާން ފެށެއެވެ. ރުޅިބުނާން ފަށައިގަނެވެއެވެ. ކުދިކިޔޭން ފަށައެވެ. ޚާއްޞަކޮށް އުފަލާއި ނިޢުމަތުގައި ގެންގުޅެ ބޮޑެތިކޮށްފައިތިބޭ ދީންވެރިކަންވެސް ތަންކޮޅެއް ސަހަލުކުދީން އެކިކަންކަމުގައި މުސްކުޅި މައިންބަފައިންނަށް ރުޅިދެއްކުން ވަކީން ބޮޑެވެ. އެކުދީންގެ ނާރުތައް ފުފި މުޢާމަލާކުރުމުގައި އަދަބުވެރިކަމުގެ އިން ފަހަނަޅައި ބޭރަށް ނުކުމެވޭން ފަށައެވެ." (تــفسيـــر قــرطـبــــى: 10/241)

عــلاّمـــة زمخــشـــرى މި ދެއާޔަތުގެ ބަލާޣަތާއި މި ދެއާޔަތުގެ މަޢުނަވިއްޔަތު ބަޔާންކުރައްވަނީ އަންނަނިވި ފަދައިންނެވެ.

"މި އާޔަތުގައި عــنـــدك (ތިޔަބައިމީހުންގެ ގާތުގައި ތިބެ) މިފަދައިން ބަޔާންކުރެއްވުމުގައި ވަރަށްބޮޑު މަޢުނަވިއްޔަތެއް ހިމެނެއެވެ. އޭގެ މަޠުލަބީ އާދަވެގެން ކޮށްއުޅޭ ކަންތައްވެސް އެބައިމީހުންނަށް އަމިއްލަޔަށް ކޮށްނުއުޅެވޭ ޙާލަތަށް ދިޔުމެވެ. އެކަންކަންވެސް އެބައިމީހުންގެ ދަރީންނަށް ކޮށްދޭންޖެހުމެވެ. މީގެއިތުރަށް އެބައިމީހުންގެ ގޭގައި އެހެން ވާވެރިޔަކު ނެތުމެވެ. އެބައިމީހުންގެ ގެދޮރުގައި އެބައިމީހުންގެ ކަފާލަތު ކުރެވުމެވެ. އަޅައިލައި ބަލަހައްޓައި އެބައިމީހުންގެ ޒިންމާ އުފުލުމެވެ. މިކަމަކީ ޢާންމު ޙާލަތުގައި ދަރިފުޅަށް ބަރަކަށް ވެދާނެއެވެ. އެކަމަކުވެސް އެކަމަށް ބޭނުންވާހިނދު އެކަން ބަރުދާސްތުކޮށް އެކަމަށް ކެތްތެރިވާން ޖެހޭނެއެވެ. ބައެއްފަހަރު އެކުދީންގެ ޅަފަތުގެ ދާނުގައި މައިންބަފައިން އެކުދީންނަށް ކޮށްދިން ހުރިހައިކަމެއް އެކުދީން މައިންބަފައިންނަށް ކޮށްދޭންވެސް ޖެހިދާނެއެވެ. އެހެންކަމުން ދަރީންނަށް އަމުރުކުރައްވަނީ މައިންބަފައިންނާ މުޢާމަލާކުރުމުގައި ރިވެތި އަޚްލާޤާއި ރަނގަޅު ސުލޫކު ގެންގުޅުމަށެވެ. އޯގާވެރިކަމާއި މައިތިރިކަމާއި ބަރުދާސްތުކުރުން އާދަކުރުމަށެވެ. މައިންބަފައިންގެ ފުށުން ތިމާމެންގެ ޠަބީޢަތާ ޚިލާފު ކަމެއް ފެނުނުކަމުގައިވިޔަސް މައިންބަފައިން ކަފާލަތު ކުރުމަކީ ބުރައެއްކަމުގައި ނެހެދުމަށެވެ. ނުބެލުމަށެވެ. ބޭއަދަބީގޮތުން އެބައިމީހުންގެ ކުރިމަތީގައި ޗުޕުވެސް ނުބުނުމަށެވެ. ނުރުހުމުގެ ކިތަންމެކުޑަވިޔަސް އަޑެއް އިއްވައިނުލުމަށެވެ. (كـشّــاف: 2/444)

އަދިވެސް އިތުރަށް ލިޔުއްވައިފައިވެއެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ވަނީ މައިންބަފައިންނާމެދު ރިވެތި އަޚްލާޤުން ކަންތައްކުރަން ނިހާޔަތަށް ބާރުއަޅުއްވައި އަމުރުކުރައްވައިފައެވެ. އެ އަމުރުފުޅުގައި ބޭނުންކުރައްވައިފައިވަނީ ކިހައިވަރުގަދަ ބާރު އެޅުއްވުމެއްކަން އަންދާޒާކުރެވެނީ އެކަލާނގެ ރަސްކަންފުޅަށް ޝަރީކު ނުކުރުމާއި އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރުމުގެ އަމުރުފުޅާ ވިއްދަވައިގެން އެކަމަށް އަމުރުކުރެއްވުމުންނެވެ. މައިންބަފައިންނަށް އަޅައިލައި ބެލެހެއްޓުމާއި އެބައިމީހުންނަށް އަދަބު ތަޢުޒީމު އަދާކުރުމުގެ އަމުރުފުޅު އިތުރަށް ވަރުގަދަކުރެއްވުމަށްޓަކައި އަމުރު ކުރައްވައިފައިވަނީ މައިންބަފައިންގެ ފުށުން ފެންނަ ކަމެއްގައި ކިތަންމެ ނުރުހެވޭގޮތެއް ހުރިކަމުގައިވިޔަސް ކެތްތެރިވުމާއި ބަރުދާސްތުކުރުމުގެ ލަގަން އަތުން ވީއްލިގެންދިޔަ ނުދޭށެވެ. އެފަދަ ޙާލަތެއްގައިވެސް ނުރުހުމުގެ ކިތަންމެ ކުޑަވެސް ބަހެއް ބޭނުންކުރާކަށް ދަރީންނަކަށް ހުއްދައެއް ނުދެއްވައެވެ. (كـشّــاف: 2/444)

މުސްކުޅި މައިންބަފައިންނާ ބެހޭގޮތުން މި މާތް ދެއާޔަތުގައި އަންގަވަނީ އެބައިމީހުނާ ދިމާޔަށް "އުފު" ވެސް ނުބުނުމަށެވެ. "އުފު" ގެ މުރާދަކީ ނުރުހުންތެރިކަން ފާޅުވާ ކިތަންމެ ކުޑަވެސް ބަހެކެވެ. އެފަދަ ބަހެއް ބުނުމެވެ. ލުޣަތުގެ މާހިރެއްކަމުގައިވާ الأصــمــعـــى ވިދާޅުވެފައިވެއެވެ.

"އަސްލުގައި أف އަކީ ކަންކުންޏެވެ. (ކަންފަތު މަޑެވެ.) މިބަސް ބޭނުންކުރެވެނީ އެއްޗަކާމެދު ނުވަތަ ކަމަކާމެދު ފޫހިވާކަން ނުވަތަ ނުރުހޭކަން ފާޅުކުރާ ހިނދުގައެވެ."

إمـــام رازى رحـمــــه اللّـــه ލިޔުއްވައިފައިވެއެވެ. "أف ވެސް ނުބުނާށޭ އެންގެވުމަކީ ޚާއްޞަ ތަޢުބީރެކެވެ. ޝަރަޙަކުރެއްވުމެކެވެ. މަޤްޞަދަކީ އިހާނެތިކުރުމާއި އަދަބު ކުޑަކުރުމުގެ އެންމެ ކުދިކުދި ކަންތައްވެސް މަނާކުރެއްވުމެވެ. އިހާނެތިކޮށް ހިތުމާއި އަދަބު ކުޑަކުރުމުގެ ކުދިބޮޑު އެންމެހައި ކަންތައް އެ އަމުރުފުޅުގެ ޒަރީޢާއިން މަނާކުރެއްވުމެވެ. މިއީ އާދައިގެ ބަސްފުޅެއްގެ ޒަރީޢާއިން ބޭއަދަބީ ކުދިބޮޑު އެންމެހައި ކަންތައްތަކެއް މަނާކުރެއްވުމެވެ. މައިންބަފައިންނަށް އިންތިހާދަރަޖަޔަށް އަދަބު ތައުޒީމު އަދާކުރާން އަމުރުކުރެއްވުމެވެ." (تــفسيـــركـبــيـــر: 10/155)

މި އާޔަތުގައި މަނާކުރައްވައިފައިވާ އަނެއްކަމަކީ އެދެމީހުންނާ ދިމާޔަށް އަޑުލައި ހެދުމެވެ. އެބައިމީހުންގެ ކުރިމަތީގައި ބަދުބަހުން މޮށެކިޔައިއުޅުން މަނާކުރެއްވުމެވެ. ވަޙީކުރައްވައިފައިވަނީ: وَلاَ تَــنْــهَـــــرْهُـمَــا، މިފަދައިންނެވެ.

عــلاّمـــة زمخــشـــرى މި ބަސްފުޅު ޝަރަޙަކުރައްވަމުން ލިޔުއްވައިފައިވެއެވެ.

"މި ބަސްފުޅުގެ މާނައަކީ މަޔަކުބަފަޔަކުގެ ފަރާތުން ތިޔަބައިމީހުން ނުރުހޭކަމެއް ފެނުނުކަމުގައިވިޔަސް އެމީހުނާ ބަދުބަހުން މޮށެކިޔައި އެއްޗެހިކިޔައި ނަހަދާށޭ އެންގެވުމެވެ."

(ނުނިމޭ