މާލެއަތޮޅު ގުރައިދޫއަކީ ތަންކޮޅެއްކުރިން އަޅުގަޑު ވަރަށް ގިނައިން ގޮސްއުޅުނު ރަށެކެވެ. ތާރީޚު ބެލުމުގެ ދުރުމި އެދުވަސްވަރު ނާޅާތީ އެ ނަޒަރިއްޔާތުން އޭރު ބެލިފައެއްނެތެވެ. އެކަން ފެށުނީ ތަންކޮޅެއް ފަހުންނެވެ. ކޮންމެއަކަސް ގުރައިދޫއަށް ނުދާތާ ވިއްސަކަށް އަހަރު ފާއިތުވީފަހުން ދާދިފަހުން އެއްދުވަހަކު ހަމަކުއްލިއަކަށް އަޅުގަޑުގެ ދުރުމިއަށް ގުރައިދޫ އަރައިފިއެވެ. މިއަހަރުގެ މެދުތެރޭގައި އޯޝަން ޓީވީއޭ ކިޔުނު ޓީވީ ޗެނަލަކުން ގެނެސްދިން ތާރީޚާގުޅޭ ޚާއްސަ ޕްރޮގްރާމެއްގައި ބައިވެރިވެ ގުރައިދޫގެ ތާރީޚާމެދު ވާހަކަ ދައްކަން ޖެހުމުންނެވެ. އެ ޕްރޮގްރާމް ނިންމާފައި ހިތަށް އެރިއެވެ. މާޒީގެ ހަނދާންތައް އައުކޮށްލަން ގުރައިދޫއަށް ޖައްސާލަންވީއެވެ. އެންމެ ބޮޑަށް ބޭނުންވީ ސުލްތާން ހުސައިން ފާމުލަދޭރިކިލެގެފާނުގެ ބިނާ ނުވަތަ މޮނިއުމަންޓް ހުރިގޮތެއް ބަލައިލުމަށެވެ. ކުރިން އަޅުގަޑު އެރަށަށް ގޮސްއުޅުނު ޒަމާނުގައި އިހުގެ އާސާރަކަށް އެންމެ ރީއްޗަށް ފެންނަން ހުންނަ ތަނަކީ އެއީއެވެ.

ގުރައިދޫއަށް އައިސްގޮސްވުމަކީ މިހާރު ވަރަށްވެސް ފަސޭހަ ކަމެކެވެ. ހުސްވި ސެޕްޓެމްބަރުމަހުގެ ފަހުކޮޅު ގުރައިދޫއަށް އަޅުގަޑު ފޭބިއިރު އަސްތާއެވެ. މުޅިން ބަދަލުވެފައިވާ ރަށެކެވެ. ސުލްތާން ހުސައިން ފާމުލަދޭރިކިލެގެފާނުގެ މޮނިއުމަންޓްގެ އަސަރެއްވެސް ނެތެވެ. ހުރިތަން އެނގެއެވެ. އެއީ މަގެއްގެ މެދެވެ. ދިވެހި ގައުމިއްޔަތުގެ ބައްޕަކަމަށް އެންމެހައި ދިވެހިންވެސް ބަލަނީ އުތީމު ބޮޑުތަކުރުފާނެވެ. ސުލްތާން ހުސައިން ފާމުލަދޭރިކިލެގެފާނަކީ މިދެންނެވި ބޮޑުތަކުރުފާނުގެ ދެބެއިންގެދަރި ކޮއްކޯފުޅެވެ. މަލާބާރީން ދިވެހިރާއްޖެއަށް ހަމަލަދީ ބޮޑުތަކުރުފާނުގެ ދަރިކަލުން ސުލްތާން އިބްރާހިމް ކަލާފާނު މީލާދީން 1609 ގައި ޝަހީދުކުރުމާ ވިދިގެން ދެން ހިނގައިދިޔަ ކަންކަން ހަމަޔަކަށް އަޅުއްވައި ދިވެހިރާއްޖެއާ ދިވެހިންގެ ވެރިކަން އަލުން ގަރާރު ކުރެއްވި ބޭފުޅަކީ ސުލްތާން ހުސައިން ފާމުލަދޭރިކިލެގެފާނެވެ. އެކަންތައްތަކުގެ ތެރެއިން ދޭތެރެ ދޭތެރެއިން ގުރައިދޫއަށް ވަޑައިގެން އެރަށުގައި ހުންނެވުމުގެ ތެރޭގައި މީލާދީން 1620 ވަނަ އަހަރު އަވަހާރަވެގެން އެރަށުގައި ފަސްދާނުލީއެވެ.

އާޚިރުގައި މިއަދު ކަންމިވީ ކިހިނެއްތޯއެވެ. އެރަދުންގެ ހަނދާނަކަށްވެސް، އެރަދުންގެ ނަންފުޅަށްވެސް އަދި އެރަދުންގެ ގައުމީ ޚިދުމަތަށްވެސް ޖާގަނުދީ މުޅި ޒިކުރާ ނައްތައިލީއެވެ. ގުރައިދޫގެ ތާރީޚުވެސް ނައްތައިލީއެވެ. ގުރައިދޫއަކީ އެއްދުވަސްވަރެއްގައި ރާއްޖޭގެ ވެރިކަމުގެ ކަންކަމާ ގުޅުންހުރި މުހިންމު ބައެއް ކަންކަން ހިނގާފައިވާ ރަށެކެވެ. އެގޮތުން ވަރަށްވެސް ތާރީޚީ ރަށެކެވެ. ދިވެހި ތާރީޚުގެ އެކި ސަފުހާތައް ނިއުޅައިގެން ބެލީމާ ޚާއްސަގޮތެއްގައި އުތީމު ޚާންދާނުގެ ރަސްކަމުގެ ދުވަސްވަރާއި ގުރައިދޫ ގުޅިފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެއެވެ. ކޮންމެވެސް ސަބަބުތަކަކާހެދި މާލެ ނާމާންވެގެން އަމާންކަމާއި ރައްކާތެރިކަން ހޯއްދެވުމަށްޓަކައި އެކިއެކި ރަސްރަސްކަލުން ގުރައިދޫއަށް ވަޑައިގެން އެރަށުގައި ތިއްބަވާކަން ތާރީޚުން އެނގެއެވެ. އެގޮތަށް ވަޑައިގެން ތިއްބަވާއިރު ރަސްގެފާނު ހުންނެވުމަށް ގުރައިދޫގައި ގަނޑުވަރެއްވެސް ހުންނަކަން އެނގެއެވެ.

ރަސްގެފާނުގެ އަރިހުގައި ވަޑައިގަންނަވާ ބޭކަލުން ތިއްބެވުމަށްޓަކައި އެބޭކަލުންގެ ފެންވަރާއި ދަރަޖަޔާއި ހައިސިއްޔަތާ ގުޅޭގޮތަށް ގެދޮރު ބިނާކުރެވިފައި ހުންނަކަންވެސް އެނގެއެވެ. އެކަމަކު މިފަދަ އެއްވެސް ކަމެއްގެ ހިނގިކަން ރަމްޒުކޮށްދޭނެ އާސާރެއް ގުރައިދޫގައި މިއަދަކު ނެތެވެ. މިއަދުގެ ގުރައިދޫއަކީ ފަޅުތެރެ ހިއްކައިގެން އަލަށް ވުޖޫދުކޮށްފައިވާ ރަށަކާ މާބޮޑު ފަރަގެއް ނެތެވެ. އެތައްސަތޭކަ އަހަރުވީ ތާރީޚެއް ލިބިގެންވާ ފަޚުރުވެރި ރަށެއްކަން އަންގައިދޭ ބިނާއެއް ނެތެވެ. ވަރަށްވެސް ދެރަކަމެކެވެ. ގުރައިދޫއަކީ ފަތުރުވެރިންގެ މެދުގައި ވަރަށްވެސް މަގުބޫލު ރަށަކަށްވެފައި ގެސްޓްހައުސް ވިޔަފާރިއަކީ ގުރައިދޫގެ އިގްތިސާދުގެ ފުރާނަކަމަށްވާއިރު ގުރައިދޫގެ ތާރީޚު ކިޔައިދެވޭނެ ގޮތެއް ނެތެވެ. ތާރީޚުގެ ތެރެއަށް ފީނައި ބެލޭނެ ގޮތެއްވެސް ނެތެވެ. މުޅި ދިވެހިރާއްޖެއަށް ނިސްބަތްކުރާއިރު ގުރައިދޫއަކީ ޖަވާހިރެއްފަދަ ރަށެއްކަން އަންގައިދެވޭނެ ވަސީލަތެއް ނެތެވެ. މިއީ އަދި ވަކިންބޮޑަށް ދެރަވާންޖެހޭ ކަމެކެވެ.

ގުރައިދޫއަކީ ޓޫރިސްޓް ރިސޯޓެއް ނޫނެވެ. އެއީ މީހުން ދިރިއުޅޭ ގަދީމީ ރަށެކެވެ. އެހެންވީމާ އެެރަށުގެ ތާރީޚެއް އޮންނަންވާނެއެވެ. އެ ތާރީޚު ފެންނަންވާނެއެވެ. ފަޚުރުވެރި ތާރީޚެއް އޮވެފައި އެކަން ބަޔާންކޮށްނުދެވެންޏާ ދެރަވާންވެސް ޖެހޭނެއެވެ. އުތީމު ޚާންދާނުގެ ރަސްރަސްކަލުންގެ ތެރެއިން ސުލްތާން މުހައްމަދު އިމާދުއްދީނު ނުވަތަ މަޝްހޫރު ބޮޑު ރަސްގެފާނުގެ ގައުމީ ޚިދުމަތުގެ ތެރެއިން އެއްކަމަކީ މާލެ ވަށައިގެން ބިނާކުރެއްވި ދިފާއީ ބޮޑުފާރެވެ. ދެން އެފާރާ ގުޅިފައިވާ ކޯއްޓޭތަކެވެ. މާލޭގައި ދިފާއީ ނިޒާމެއް ގާއިމުކުރެެއްވި ރަސްކަލަކީ އެއީއެވެ. އެންމެންވެސް އެކަން ދަނެއެވެ. އެކަން ފާހަގަކޮށް މާލޭގައި ހުންނަ ސިފައިންގެ އެންމެ ބޮޑު މަރުކަޒަށްވެސް އެކިޔަނީ އެރަދުންގެ ނަންފުޅަށް ނިސްބަތްކޮށް ކަޅުތުއްކަލާ ކޮށްޓެވެ. މާލޭގައި މިދެންނެވި ބޮޑުފާރު ރާނުއްވައި ދިފާއީ ކޯއްޓޭތައް ގާއިމުކުރެއްވުމަށް މެދުވެރިވި ސަބަބު ގުޅިފައިއޮތީ ގުރައިދޫއާކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ.

އެކަން ނޭނގެންޏާ ދަސްކުރުން އެދެވިގެންވެއެވެ. އެދުވަސްވަރުގެ އާދައިގެމަތިން ބޮޑުރަސްގެފާނު ގުރައިދޫއަށް ވަޑައިގެން ހުންނެވި ފަހަރެއްގައި ދިމާވި ހާދިސާއެކެވެ. ރަސްގެފާނު އެރަށުގައި ހުންނެވިއްޔާ ކޮންމެ ދޯންޏަކުންވެސް ބާނާ މަހުގެ ތެރެއިން އެއްބައި ރަސްގެފާނަށް އަޅަންޖެހެއެވެ. މިކަމާ ހިތާނުވެގެން ކެޔޮޅަކު ބުންޏެވެ. ހަތާނެތް ވައިކުޅަނދުރު ދޯއެވެ. މިވާހަކަ ރަސްގެފާނުގެ ކަންފަތްޕުޅަށް އެރީމާ ބަސްފުޅެއް ވިދާޅުނުވެ އެނބުރި މާލެވަޑައިގެން މާލޭގެ ވަށައިގެން ބޮޑުފާރު ރާނުއްވައި ކޯއްޓޭތައް ގާއިމުކުރައްވައްވައިފައި އެއްކަލަ ކެޔޮޅުމީހާ ގެންނަވައިފައި ވިދާޅުވިއެވެ. ތެދެކެވެ. ވަކިތަނެއްގައި ރަސްކަން ގަރާރުވެގެން ނުވާ ރަސްކަލަކީ ހަތާނެތް ވައިކުޅަނދުރެކެވެ. އެކަން މިހާރު ރަނގަޅުކުރީއެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ދެން އެމީހާއަށް ހަދިޔާއަކަށް ދެއްވީ އެއްވެސް ވަރުވާޔަކާނުލައި މާލެއަތޮޅު ޅޮހިފުށްޓެވެ. މިކަމަށް ދަލީލުކުރާ މުސްކުޅި ލިޔުންތައް ގުރައިދޫ އޮފީހުގައި ކުރިން ހުއްޓެވެ. ކައުންސިލް އިދާރާގައި މިހާރުވެސް ހުންނަންވާނެއެވެ.