ހަންގޭރީގައި މިހާރު ކުރިއަށްދާ އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕާއި ހާޖޮސް އަލްފްރެޑް ކުޕާ ތިނެއް އަދި ޝޯޓް ޓްރެކް ބުޑަ ކަޕްގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު އާން ހުސެއިނާއި ހަމްނާ އަހުމަދު ގިނަ ގައުމީ ރެކޯޑުތަކެއް ހަދައިފިއެވެ.
ހާޖޮސް އަލްފްރެޑް ކުޕާގައި ވާދަކޮށް ހިމްނާ އޭނާގެ އަންހެން ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ރެކޯޑު އާކޮށް، އަންހެން ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ރެކޯޑު މުގުރާލި އިރު، އާން ވަނީ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް ރެކޯޑާއި ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް ރެކޯޑު އާކޮށް، ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބެކްސްޓްރޯކް ރެކޯޑު މުގުރާލައިފައެވެ.
ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑު އާން މުގުރާލީ، 28.22 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރު މެދުތެރޭގައި ބޭއްވި އޭއޯއެސްއައި ޝޯޓްކޯސް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި މުހައްމަދު ރިހާން ޝިހާމެވެ. އެއީ 29.06 ސިކުންތުގެ ޓައިމިންއަކާ އެކުގައެވެ.
އާން ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ 53.45 ސިކުންތުން ރޭސް ނިންމައިގެންނެވެ. އާން ކުރިން ފުރަތަމަ އެ ރެކޯޑު މުގުރާލީ މިދިޔަމަހު ބޭއްވުނު ޝޯޓް ޓްރެކް ބުޑަ ކަޕްގައި 54.89 ރޭސް ނިންމައިގެންނެވެ. އެފަހަރު އާން މުގުރާލީ 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި ނިޝްވާން އިބްރާހީމް ހަދާފައި އޮތް ރެކޯޑެކެވެ. ނިޝްވާން އޭރު ރެކޯޑު ހަދާފައި އޮތީ 56.25 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އާން މިފަހަރު އާކުރި ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑު އޭނާ ބުޑަ ކަޕްގައި އާކުރީ 24.29 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރެކޯޑު އާން ކުރިން 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ހަދާފައި އޮތީ 25.0 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ހަމްނާ މުގުރާލި އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ރެކޯޑަކީ ކުރިން 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އެއް މިނެޓް 23.81 ސިކުންތުން ރޭސް ނިންމައިގެން އައިޝަތު ސަޖީނާ ހަދާފައި އޮތް ރެކޯޑެކެވެ. ހަމްނާ މިފަހަރު ހާޖޮސް އަލްފްރެޑް ކުޕާގައި އެ ރެކޯޑު މުގުރައިލީ އެއް މިނެޓް، 23.76 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ހަމްނާ އޭނާގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ރެކޯޑު އާކުރީ 37.13 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީވެސް ހާޖޮސް އަލްފްރެޑް ކުޕާގައެވެ. ހަމްނާ އަތުގައި ކުރިން އެ ރެކޯޑު އޮތީ 37.88 ސިކުންތުގެ ޓައިމިންއެއްގައެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން