ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްމޭޓްސް)އާ ގުޅިގެން ބާއްވާ އެފްއޭއެމް ޔޫތު ލީގާއި ނައިންޓީ ޕްލަސް އިން އިންތިޒާމް ކޮށްގެން ބާއްވަން މަސައްކަތް ކުރާ ގޯލްޑް ކަޕް އެއްދުވަސްވަރަކަށް ދިމާވާތީ އެކަމުގެ މައްސަލަތައް ފެންމަތިވެއްޖެއެވެ.
އެފްއޭއެމްގައި ކުރީން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) އާއި ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު އިސްވެ، އިއުލާނު ކުރި ނައިންޓީ ޕްލަސް ގޯލްޑް ކަޕަކީ ރާއްޖޭގެ ފުޓުބޯޅަ ފޯރި އަލުން ދަނޑަށް ގެނައުމަށް އަމާޒުކޮށް ބާއްވާ މުބާރާތެކެވެ.
އެ މުބާރާތް ފުރަތަމަ އިއުލާނުކުރީވެސް ސްޕޯޓްސް މިނިސްޓްރީގެ އެންޑޯސްމަންޓާ އެކުގައެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 22 ރަށަކުން، ނުވަތަ ސިޓީއަކުން ބައިވެރިވެފައިވާ އިރު، ގޯލްޑް ކަޕް ތާވަލުކޮށްފައި އޮތީ، މިމަހު 20 އިން އަންނަ މަހުގެ 25 އާ ހަމައަށް ކުރިއަށްދާ ގޮތަށެވެ. އަދި މުބާރާތް ބާއްވަން ނިންމާފައި އޮތީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.
ގޯލްޑް ކަޕަކީ ސްޕޯޓްސް މިނިސްޓްރީއާއެކު އިއުލާނުކުރި މުބާރާތެއް ނަމަވެސް، އެއީ އެފްއޭއެމްގެ އެންޑޯސްމަންޓެއް ނެތި އިއުލާނުކުރި މުބާރާތެކެވެ. އެކަމުގެ ވާހަކަތައް ކުރިން ދެކެވެމުން އައިސް މައްސަލަ ފެންމަތިވީ އިއްޔެއެވެ. އިއްޔެ އެފްއޭއެމްއިން ވަނީ ޔޫތު ލީގުގެ ޝެޑިއުލް އާއްމުކޮށްފައެވެ.
އެފްއޭއެމް ޔޫތު ލީގުގެ ޝެޑިއުލްގައިވާ ގޮތުން، ޔޫތު ލީގު އަމާޒުކުރަނީ 12، 14، އަދި 16 އަހަރުން ދަށުގެ ޓީމުތަކަށެވެ. މުބާރާތް ތާވަލު ކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ފަށާ ގޮތަށެވެ. ކުޅެން އޮތީ ގަލޮޅު ދަނޑާއި ހެންވޭރު ދަނޑު އަދި ހުޅުމާލޭ ދަނޑުގައެވެ. އެހެންކަމުން ގޯލްޑް ކަޕްގެ ޝެޑިއުލާ ޔޫތު ލީގުގެ ޝެޑިއުލާ ފުށުއަރައެވެ.
އެއާއެކު އެފްއޭއެމްއިން މީގެ ދުވަސް ކޮޅެއް ކުރިން އެ އިދާރާގައި މިވަގުތު މަސައްކަތް ކުރާ މުއައްޒަފުންނަށް އަމާޒުކޮށްގެން ނެރެފައިވާ އިންޓާނަލް މެމޯއެއް ވަނީ އާއްމުވެފައެވެ. އެ މެމޯގައި ވަނީ ކުރިން ފާހަގަކުރެވުނު ތާރީހުތަކުގައި އެފްއޭއެމްގެ ޔޫތު ލީގު، ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމުގެ އިތުރުން އެސޯސިއޭޝަނާ އެއްވެސް ބައިވެރިވުމެއް ނެތި ކުރިއަށްދާ މުބާރާތްތަކާއި ލީގުތަކުގައި މި އެސޯސިއޭޝަންގެ ހުއްދައެއް ނުހޯދާ މި އެސޯސިއޭޝަންގެ އެއްވެސް މުވައްޒަފެއް، ރެފްރީއެއް، އަދި ކޯޗަކު ބައިވެރިނުވުމަށް އެދޭ ކަމަށެވެ.
އެ ބީދައިން ބަޔާން ކޮށްފައި އޮތުމުން އެކަމަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ޝުއޫރު ފާޅުކޮށްފައިވާ އިރު، ކުރީގެ ބައެއް ކުޅުންތެރީންވެސް ބުނީ ފުޓުބޯޅަ އޮތް ހާލަތުން ގޯލްޑް ކަޕަށް އެފްއޭއެމްގެ ސަޕޯޓް ދޭން ޖެހޭ ކަމަށެވެ. އަދި އެކަމާ ދެކޮޅަށްވެސް ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވާ އިރު، ގައުމީ ފުޓުބޯޅަ ދަނޑުގައި އަމިއްލަ ފަރާތަކުން ނަމަވެސް ހިންގާ މުބާރާތަކަށް އެފްއޭއެމްއާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ބުނެވެސް ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. އެއީ ގައުމީ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތަކީ އެފްއޭއެމް ކަމަށްވާތީއެވެ.
އެފްއޭއެމްގެ މިވަގުތު ނޯމަލައިޒޭޝަން ކޮމިޓީއަކުން ހިންގަމުން އަންނައިރު، ފުޓުބޯޅަ އޮތީ ހާލަތު ދަށް ކޮށެވެ. ކުރީން އެފްއޭއެމްއިން ނިންމާފައި އޮތީ ދެން އޮތް ސީޒަނުގެ ފޯމެޓް ބަދަލުކޮށް ހޯމް އެންޑް އަވޭ ކުޅުމަށް ނަމަވެސް، މިދިޔަ ސީޒަން ނިމުނުތާ އަހަރެއްވީ އިރުވެސް އަދި ލީގުގެ ހިލަމެއް ނެތެވެ.
މިހާރު ތައްޔާރުވަމުން އަންނަ ގޯލްޑް ކަޕަކީ މުޅި ރާއްޖޭގެ ޓީމުތައް ޝާމިލުވާނެ މުބާރާތެއް ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފައިވީ ނަމަވެސް، އެ މުބާރާތަށް ހޯމް އެންޑް އަވޭ އުސޫލު އަދި އަތޮޅު ކޮލިފިކޭޝަން ހިމަނާފައެއް ނުވެއެވެ. އެހެންކަމުން މުބާރާތުގެ މެޗުތައް ކުޅެން ރާވަފައި ވަނީ ސެންޓަރައިލްކޮށް މާލޭގައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް