ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ކުލި ނުދައްކާ ފަރާތްތަކުގެ މައުލޫމާތުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ ތަންތަނާބެހޭ މައުލޫމާތު ކޮމިޓީއަށް ހޯދުމަށް ހުށަހެޅުއްވީ ހިތަދޫ ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.

އޭނާ ވިދާޅުވީ، އެޗްޑީސީއަށް ކުލި ނުދައްކާ އެތައް ބަޔަކު ތިބިއިރު އެފަރާތްތަކާމެދު އެޗްޑީސީން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. އެހެންކަމުން އެތަންތަނާބެހޭ މައުލޫމާތު ކޮމިޓީން ހޯދައި އެކަންކަން ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަޒާންގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ކުލީގެ ގޮތުގައި އެޗްޑީސީއަށް ލިބެންހުރި ފުރިހަމަ އަދަދު އެނގޭނީ ކުލި ނުދައްކާ ހުރިހާ ފަރާތްތަކާބެހޭ މައުލޫމާތު ހޯދިގެން ކަމަށެވެ. އެހެންކަމުން ވިޔަފާރި ބިންތަކުގެ އިތުރުން ކުލި ނުދައްކާ ފްލެޓްތަކާއި އެޗްޑީސީއަށް އެހެން ގޮތްގޮތުން ލިބެންހުރި ފައިސާއާބެހޭ މައުލޫމާތު ހޯދުމަށްވެސް ގަފޫރު ހުށަހެޅުއްވިއެވެ.

ގަފޫރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.

ނަމަވެސް ކޮމިޓީން ފާސްކުރީ އަޒާންގެ ހުށަހެޅުމެވެ.