ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ސިޔާސަތުތަކުގެ ތެރެއިން ބިން ހިއްކުމަށް ނަގާ ވެލިން ފީއެއް ނެގުމަށް ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ލުއި ފޮތުގައި ބުނެފައިވާ ގޮތުން އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތަކުން އަންނަ އަހަރު އިތުރު 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
އާމްދަނީ އިތުރުކުރުމުގެ ގޮތުން ބިން ހިއްކަން ނަގާ ވެލިން އަންނަ އަހަރު 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް އެ ފޮތުގައި ބުނެފައިވެއެވެ. ނަމަވެސް އެ ފީ ނަގަން ފަށަނީ ކޮންއިރަކު ކަމެއް އަދި ބިން ހިއްކުމަށް ނަގާ ވެލިން ކޮންމެ ކޮޑިމީޓަރަކަށް ނަގަނީ ކިހާ އަދަދެއް ކަމެއް ބުނެފައެއް ނުވެއެވެ.
އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އެހެން ސިޔާސަތުތަކުގެ ތެރެއިން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ރޭޓުތައް ބޮޑުކޮށްގެން 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ، އެއާޕޯޓް ޓެކުހާއި ފީގެ ރޭޓުތައް ބޮޑުކޮށްގެން 1.6 ބިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ރޭޓުތައް ބޮޑުކޮށްގެން އެއް ބިލިއަން ރުފިޔާ ހޯދަން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކޮށްގެން 700 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީ ރޭޓު ބޮޑުކޮށްގެން 200 މިލިއަން ހޯދަންވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން 49.2 ބިލިއަން ރުފިޔާއަކީ ހަރަދެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 9.4 ޕަސެންޓުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު