ގާޒާގެ 94،000 ކުޑަކުދީންނަށް ޕޯލިއޯ ވެކްސިން ދީފިއެވެ.

އދ އިން އިސްނަގައިގެން ފަލަސްތީނުގެ ގާޒާގައި ހިންގަމުން ގެންދާ ވެކްސިން ކެމްޕޭނުގައި މިހާތަނަށް 94،000 ކުޑަކުދީންނަށް ވެކްސިން ދީފައިވާއިރު އަދިވެސް އެތައް ހާސް ކުޑަކުދީންނެއް ވެކްސިން ނުދެވި ތިބި ކަމަށް އޮފިޝަލުން ބުނެއެވެ.

އދި އިން ވަނީ ޕޯލިއޯ ވެކްސިން ގާޒާގެ ކުޑަކުދީންނަށް ދިނުމަށް ކުރިޔަށް ގެންދާ ކެމްޕޭނު އެކި މަރުހަލާތަކަށް ބަހާލައިފައެވެ. މިދިޔަ ހޯމަ ދުވަހު އދ އިން ވަނީ އެ ކެމްޕޭނުގެ ތިންވަނަ ފޭސް ނިންމާލައިފައެވެ.

އދގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް އިން ވަނީ މިހާތަނަށް ގާޒާގެ 79 އިންސައްތަ ކުޑަކުދީންނަށް ވެކްސިން ދީ ނިމިފައިވާކަމަށް ބުނެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް މިހާރުވެސް ހަމަލާ ދެމުންދާ އިރު އެހަނގުރާމައިގެ ތެރޭގައި އދ އިން ފެށި ވެކްސިން ޕްރޮގްރާމުގެ ތިން ވަނަ ބައި ރޭވިފައި އޮތީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ނަމަވެސް ހަމަލާތަކުގެ ސަބަބުން އެ މަސައްކަތް ފެށިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ ހާލަތު ގޯސްވެ އަސާސީ ހިދުމަތްތަކުން އެތައް ބަޔަކު މަހުރޫމުވެފައިވާއިރު ބަލިތައް ފެތުރެން ފަށާފައިވާކަމަށް އދއިން ވަނީ ފާހަގަކޮށްފައެވެ.