ކުރީގެ ސަރުކާރުގައި، 16 މިލިއަން ރުފިޔާއަށް ސްކޫލެއް އިމާރާތްކުރަން ހަވާލުކުރި މަސައްކަތެއްގެ ލިޔެކިޔުންތައް އެޑިއުކޭޝަން މިނިސްޓްރީގެ މެއިލުން ޑިލީޓް ކޮށްލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ޑިލީޓް ކޮށްލާފައިވަނީ މާލޭގެ ވަރަށް ބޮޑު ސްލޫލެއްގެ ކޮންޓްރެކްޓާ ބެހޭ މެއިލްތަކެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް ވިދާޅެއް ނުވެއެވެ.

"މާލޭގެ ވަރަށް ބޮޑު ސްކޫލެއްގެ ކޮންޓްރެކްޓަރު އަޅުގަނޑާ ހަމައަށް އައި މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން، ވިދާޅުވި ތިމަންނާމެންނަށް 16 މިލިއަން ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީން ދޭން އެއްބަސްވެގެންނޭ މަސައްކަތްކުރީ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ އެކަމާ ބެހޭ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަދި ކުރެވުނު އެއްވެސް މުއާމަލާތެއް ނެތް ކަމަށެވެ.

އެކަމާ ބެހޭގޮތުން ފައިނޭންސް އެގްޒެކްޓިވްގެ ހުއްދަ ހޯދާފައިނުވާ ކަމަށާއި ބިޑް ކޮމިޓީ އަދި ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.