ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދީފައިވާގޮތް ބަލަން އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
ކުރީގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ އެ މައްސަލަ ބަލަން ކޮމިޓީން ފާސް ކުރުމަށްފަހު، ބަދަލު ދިން ގޮތާބެހޭ ޑޮއިކުމެންޓްތައް ކޮމިޓީން ވަނީ އެއްކޮށްފައެވެ. އެއަށްފަހު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބަދަލުދީފައިވާގޮތުގެ މައްސަލައިގެ އޮޑިޓެއް ހަދަން ހުށަހެޅުއްވީ މާރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
އޭނާ ވިދާޅުވީ، ވަކި ވަކި މައްސަލަ ކޮމިޓީން ބެލުމަށް އުނދަގޫވެދާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަތަކުގެ އޮޑިޓެއް ހެދުމަށް އެ ޑޮކިއުމެންޓްތައް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޝުޖާ ހުށަހެޅުއްވިއެވެ. އެގޮތަށް ކޮމިޓީން ފާސްކުރީ އިއްތިފާގުންނެވެ.
ކުރީ ސަރުކާރުން ބަދަލު ދީފައިވާގޮތް ބެލުމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން މަމްދޫހު ވިދާޅުވީ، 2018 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް އޭރުގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދޫކޮށްފައިވަނީ ކޮން ގޮތަކަށްތޯ ބަލަން އެކަމާ ގުޅޭ މައުލޫމާތުތައް ކޮމިޓީއަށް ފޮނުއްވުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމަށް ހުށަހަޅުއްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު