ގައުމީ ޔުނިވަސިޓީން ނުވަތަ ސަރުކާރު ގަބުލުކުރާ ކޮލެޖަކުން ޖަނާޒާގެ މޮޑިއުލްތައް ކިޔަވާފައި ތިބޭ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އިތުރު އިމްތިހާނަކާ ނުލައި ކަށުކަމާކެމީގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު މީޑިއާތަކަށް ބުނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން، ނުވަތަ ދިވެހި ސަރުކާރު ގަބޫލު ކުރާ އެހެން ކޮލެޖް/ ޔުނިވަސިޓީއަކުން ވިޔަސް ކަށުކަމާކެމީގެ (ޖަނާޒާގެ މޮޑިއުލްތައް ހިމެނޭހެން) ކިޔަވައިފައި ހުރެއްޖެ ނަމަ، އިތުރު ކޯހަކާ ނުލައި، ނުވަތަ އިތުރު އިމްތިހާނަކާ ނުލައި (ކަށުކަމާކެމީގެ ސަނަދު) ދޭ ގޮތަށް ނިންމައިފި ކަމަށެވެ.

  • ބެޗްލާ އޮފް އިމާމުޝިޕް
  • ބެޗްލާ އޮފް އިސްލާމިކް ސްޓަޑީޒް
  • ޑިޕްލޮމާ އޮފް އިމާމު ޝިޕް
  • އެޑްވާންސް ސެޓްފިކެޓް ފޯ އިމާމްޝިޕް
  • ސެޓްފިކެޓް 3 ފޯ އިމާމްޝިޕް
  • ސެޓްފިކެޓް 3 އިން ޖަނާޒާ

އެ ގޮތަށް ނިންމީ މަތީގައިވާ ކޯސްތަކަކީ ކަށުކަމާކެމީގެ މައުލޫމާތާއި ޖަނާޒާއާ ބެހޭ އިލްމީ މާއްދާތަކުގެ ނަޒަރީ އަދި އަމަލީ ބައިތައް ކިޔަވައިދޭ ކޯސްތަކަކަށްވާތީ އާއި ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަ މީހުންގެ ދަތިކަން އޮތުމާއެކު އެކަމަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.