ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކުލަވައިލާ ގައުމީ ތަރައްގީގެ މާސްޓަ ޕްލޭން އެކުލަވައިލާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ހާއްސަ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާތައް ފެށުން އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގެ ޕްލޭނަށް ކޮންމެ ރަށަކުންވެސް ބަސް ބުނުން މުހިއްމުކަމަށާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމާއަތްތަކުގެ ބަސްވެސް މުހިންމު ކަމަށެވެ.

ރައީސް ވިދާޅުވީ، އޭއައި އަކީ މިއަދުގެ ހަގީގަތް ކަމަށާއި ފެންނަމުން އަންނަނީ ޑިޖިޓަލް އިގްތިސޯދުތަކެއް އުފެދެމުން އަންނަ މަންޒަރު ކަމަށެވެ. އަދި ގައުމީ ތަރައްގީގެ ޕްލޭނަކީ އޭއައި އެންހޭސްޑް ޕްލޭނެއްކަމުގައި ނުވާނަމަ، ދުނިޔޭގެ ތަރައްގީގެ ކުރިމަތީގައި ކުރިއަށްދާން އުނދަގޫވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އާޓިފިޝަލް އިންޓެލިޖެންސަކީ މިހާރުގެ ހަގީގަތް. އޭއައި އެންހޭސްޑް ތަރައްގީގެ ޕްލޭނެއް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނީ. ބަލައިގަންނައިރު ވަރަށް ރަނގަޅަށް ރެގިއުލޭޓް ކުރެވެން ޖެހޭނެ. އަޅުގަނޑުމެން ބޭނުންވާ މަހްފޫމްގައި އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް އެކަން ބައްޓަންކުރަވޭގޮތަށް، އޭއައި އެންހޭސްޑް ތަރައްގީގެ ޕްލޭނެއް ނޫން ކަމުގައިވަންޏާމު ދުނިޔެއަށް މިއަންނަ ތަރައްގީއަށް ބަލާއިރު ކުރިއަކަށް ނުދެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ، ރާއްޖޭގެ ޖީޑީޕީގެ މަދުވެގެން 15 ޕަސެންޓުގައި ޑިޖިޓަލް އިކޮނޮމީން ހިއްސާވުން ކަމަށެވެ.

"އަޅުގަނޑު ދާދި ފަހުން ގަވަރުނަރަށް ދެންނެވިން ބައްލަވައިދެއްވާށޭ ފުލީ ރެގިއުލޭޓެޑް ގޮތަކަށް އަޅުގަނޑުމެންނަށް ކިހާވަރަކަށްތޯ ކްރިޕްޓޯ ކަރެންސީ، ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ތައާރަފުކުރެވޭނީ. އަޅުގަނޑުމެންގެ އިކޮނޮމީ ކިހާވަރަކަށްތޯ ޑައިވާސިފައިކުރެވޭނީ ޑިޖިޓަލް ކަރަންސީ ތައާރަފުކޮށްގެން." ރައީސް ވިދާޅުވިއެވެ.

ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާއިރު، ރައީސް ވަނީ މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ މި ޕްލޭން ތަންފީޒުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.