އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި ކައުންސިލްތަކަށް ހިމެނިފައިވާ އަދަދު 699.6 އާ ހަމައަށް ކޮންޓިންޖެންސީ ބަޖެޓުން އިތުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެކަމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ އިދާރީ މޭޒުން މަޖިލިސް ތަޅުމުގައި މިއަދު އިއްވައިފައެވެ. އެ ސިޓީގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރަން ރާވާފައިވާ އަދަދަކީ 1.4 ބިލިޔަން ރުފިޔާ ކަމަށެވެ. އެއީ ބަޖެޓްގެ ދެ ޕަސެންޓެވެ.
އެހެންކަމުން އިތުރަށް ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ، އިތުރު ނުވާނެ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައިދިނުމަށް މިނިސްތަރުގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
"ބްލޮކް ގްރާންޓްގެ އަދަދު ހިސާބު ކުރުމުގައި ލާމަރުކަޒީ ގާނޫނުން މިހާރު ހުށަހަޅާފައިވާ މިންގަނޑުގައި ހިފަހައްޓަން ނިންމަވައި މި ބަދަލު ގެންނަން ބޭނުންވާނެކަމަށް ލަފާކުރާ 699.6 މިލިޔަން ރުފިޔާއށްވުރެން ބަޖެޓްގެ ޖުމްލަ އަދަދު އިތުރުނުވާގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކުރާގޮތަށް، ހަމަޖައްސަވައިދެއްވުން އެދެން" މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.
އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފައެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓް މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. 2025 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 ރުފިޔާއެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށާއި އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އާއި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ވެސް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 7.8 ޕަސެންޓެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު